ފަހިދިރުޅުން ކޯޕަރޭޝަންގެ އުދަރެސްގެ ތިން ޓަވަރެއްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މާޗު މަހަށް ނިންމޭނެ ކަމަށް އެ ކޯޕަރޭޝަންއިން ބުނެފިއެވެ.
އެފްޑީސީގެ ޓަވަރުތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާވަރު ބަލެމަށްޓަކައި ނޫސްވެރިންނަށް އެ ފުރުސަތު ހުޅުވާލައި ޓަވަރުތަކުގެ އެތެރެ ވަނީ ދައްކާލާފައެވެ. އަދި ނޫސްވެރިންނަށް މައުލޫމާތު ދެމުން އެފްޑީސީން ބުނެފައިވަނީ މާޗު މަހަށް ނިންމުމަށް ހަމަޖެހިފައިވާ ތިން ޓަވަރުގެ ފެނާއި، ކަރަންޓުގެ މަސައްކަތް ނިންމާ މީހުންނަށް އުޅެވޭ ވަރުގެ ތަނަކަށް އެތަން ހެދޭނެކަމަށެވެ.
މީހުން އެތަނަށް ވެއްދުމުގެ މަސައްކަތް ކުރެވެނީ ލިސްޓު ފައިނަލްވެގެން ކަމަށާއި އެ ލިސްޓު ލިބޭހާ އަވަހަށް އަދި އެ ޓަވަރަށް އެސައިންކޮށްފައިވާ މީހުންނަށް އެ ޓަވަރުތަށް ބޭނުން ކުރެވޭނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. އެކްސްޓާރނަލް ބައެއް މަސައްކަތްތަށް އޭގެ ފަހުންވެސް ކުރިއަށް ދާނެ ކަމަށާއި އަދި ކޮމާޝަލް ބައެއް ޔުނިޓު ތަކަކީ އެކަމުގެ ބައެއް މަސައްކަތްތަކެއް ކުރެވެމުން އަންނަ ބައެއް ކަމަށްވެސް އެފްޑީސީން ވަނީ މައުލޫމާތު ދީފައެވެ.
މީގެއިތުތުރުން ޕާކިން އާއި އެފަދަ މަސައްކަތްތައްވެސް ކުރަމުން ދާކަމަށް އެފްޑީސީން ވަނީ ބުނެފައެވެ. ޓަވަރުތައް ނިމެމުން ދާވަރަށް އިތުރަށް ބޭނުންވާ އެއްޗިސް ލިބެމުން ދާނެކަމަށާއި އަދި ބައެއް ލިފްޓުތައްވެސް މިމަހުގެ ތެރޭގައި ލިބޭނެ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.

