އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ މައްސަލަ ކުރީގައި އޮތީ މާލެއަކީ ނޫޅެވޭ ތަނަކަށް ވާނެކަމުގެ ބިރު އޮންނަ ވަރުގައިކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މާލޭ ސަރަހައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރ ޕްލޭން އިފްތިތާހުކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިއީ ޓްރާންސްޕޯޓު މިނިސްޓްރީގެ އެންމެ މުހިންމު މަސައްކަތުގެ ފެށުންކަމަށެވެ.
ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ދުރު ރާސްތާގެ މަސައްކަތްތަކާއި، ކުރު ރާސްތާގެ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން މިއަދު މަސައްކަތް ފެށުނު އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ދަށުން ޓުރެފިކުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ އަދި މާލޭ ސަރަހައްދަށް އެތެރެވާ އުޅަނދުފަހަރު ރެގިއުލޭޓު ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އަމީން ވިދާޅުވިއެވެ.
މީގެ ކުރީގައި ވެހިކަލްތައް ރަޖިސްޓްރީ ކޮށްފައިވަނީ އާދަޔާ ހިލާފަށް ގިނައިންކަމަށާއި، އެގޮތުން 200 އާއި ކައިރި ކުރާ އަދަދަކަށް ދުވާލެއްގެ މައްޗަށް ރަޖިސްޓްރީވަމުން ދިޔަކަމަށް ވިދާޅުވިއެވެ. ނަމަވެސް މި އަދަދު މިހާރު 25 އާއި 30 އާއި ދެމެދުގެ އަދަދަކަށް ދަށް ކުރެވިފައިވާކަމަށް އަމީން ވިދާޅުވިއެވެ.
އެބަހުރި ސްޓެޓިސްޓިކްސްއިން ފެންނަން ގާތްގަނޑަކަށް 200 ވަރަކަށް ވެހިކަލް ވެސް ދުވާލެއްގެ މައްޗަށް 300އާ ކައިރިކުރާ އަދަދަކަށް ވެސް ރަޖިސްޓްރީކުރަމުން ދިޔަކަން. މިހާރު އަޅުގަނޑުމެން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން އެ ރޭޓު ވަރަށް ދަށްވެފަ، ގާތްގަނޑަކަށް 30 އަކަށް، 25 އަކަށް ވެހިލާއި ހިސާބަށް ދަށް ކުރެވިފަ.
އަމީން ވިދާޅުވިއެވެ.
މިކަން ކޮންޓްރޯލް ނުކުރެވިއްޖެނަމަ މާލެއަކީ ނޫޅެވޭ ތަނަކަށް ވެދާނެކަމުގެ ބިރު އޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިންގުމުގެ ނިޒާމު އެހާ ހަރުދަނާ ނޫންކަމަށެވެ. މިނިސްޓްރީގެ ތަސައްވުރު ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ގިނަ މަސައްކަތަކެއް އެބަހުރިކަމަށާއި، އެގޮތުން އެތެރޭގެ ހިންގުމުގެ ނިޒާމުވެސް ރަނގަޅުކުރެވެން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ނޫން ގޮތަކަށް މިނިސްޓަރީއަށް އަމާޒުވާ ތުހުމަތުގެ އިނގިލިތަކުން ސަލާމަތްވެވެން ނެތްކަމަށްވެސްް ވިދާޅުވިއެވެ.
އަޅުގަނޑުމެން މިހާރު ގެންނަން އެންމެ ފުރަތަމަ ބަދަލެއްގެ ގޮތުގައި އައިޓީ އަދި ޕީއާރު ސެކްޝަނެއް އުފައްދަން ޖެހޭ، އެ ސެކްޝަން މިހާރު އޮންނާނީ އުފެއްދިފައި.
އަމީން ވިދާޅުވިއެވެ.
އެގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި އައިޓީ އަދި ޕީއާރު ސެކްޝަނެއް އުފެއްދުން ހިމެނޭކަމަށް ވިދާޅުވިއެވެ. މިނިސްޓްރީގެ އޮންލައިން ސާވިސްތައް ދެމުންދާ ނިޒާމު އެހާ ރައްކާތެރި ނޫންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިހާރު ބޭނުންކުރެވޭ މެޓްރިކްސް ސިސްޓަމްތަކުގެ “ބެކްއެންޑުން” ވަދެގެން ގޯސްތަކެއް ހަދާކަމުގެ ޝައްކުތަކެއް އެބަހުރިކަމަށެވެ.
މިކަންކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަދާނެކަމަށާއި، އެހެންކަމުން މިނިސްޓްރީގެ އޮޑިޓެއް މިހާރު ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

