މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މި އަހަރުގެ މާރޗް އޭޕްރިލް އަދި މޭ މަހުގައި ވަރަށް ބޮޑު ހީނަރުވުމެއް އައި ނަމަވެސް ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވީ، ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.
ޓުއަރިސްޓު އެރައިވަލްއާއި ބެހޭ ގޮތުން މިނިސްޓަރ އަމީން ވިދާޅުވީ، މި އަހަރު ފެށިއިރު ސަރުކާރުން އަމާޒު ހިފާފައި އޮތީ މި އަހަރު 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ކަމަށްވީ ނަމަވެސް ބައެއް ކަންކަމަކީ ކޮންޓްރޯލުގައިވާ ކަންކަން ނޫންކަމަށާއި ދުނިޔެއަށް އަންނަ ބަދަލުތަކާއި އަދި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކު އެ އަމާޒަށް ވާސިލުނުވެވޭނެ ކަމަށެވެ.
މިހާރު ފަތުރުވެރިން އަންނަ އަދަދު އިތުރުވީ މެދު އިރުމަތީގެ ހަނގުރާމަ ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ވިޔަފާރިތަކާ ގުޅިގެން ކުރެވުނު ބޮޑު މަސައްކަތުން ކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
”މި އަހަރުގެ މާރޗް އޭޕްރިލް އަދި މޭ މަހުގައި މިދިޔަ އަހަރާއި އަޅާ ބަލާއިރު ހުރި ދައްވުން ރިކަވާ ކުރެވިގެން އައިސް 2.6 އިންސައްތައާއި މިހާރު ކައިރިކުރެވިފައި މި އޮތީ. އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެންނަ މަންޒަރުން ފަހު ކުއާޓަރުގައި ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް. މި އަދަދުތަކަށް ބަލާއިރު މިދިޔަ އަހަރަށް ވިރެ ޓުއަރިސްޓު އަރައިވަލް ދަށްވެގެނެއް ނުދާނެ،“ އަމީން
މީގެ އިތުރުންވެސް މިއަހަރުގެ ފަހު ކުއާޓަރގައި 7 އެއާލައިނެއް މެދުވެރިކޮށް ޓުއަރިސްޓުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން އަންނަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

