ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ޓަކައި، އެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.
އެގޮތުން، އެ ޚިދުމަތް އަލުން ތައާރަފުކުރުމަށް ޓަކައި އަންނަ އޮގަސްޓު މަހުގެ ތެރޭގައި ބަޔަކާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު އަމީން ވިދާޅުވީ، މި ހިދުމަތް ދިނުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިމިފައިވާ ކަމަށެވެ. އަދި އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ރާއްޖޭގެ ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން އެއާ އޮޕަރޭޓާ ސެޓްފިކެޓް (އޭއޯސީ) ހޯދުމުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވަޒީރު އަމީން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ރާއްޖޭގެ މިހާރުގެ ޓްރާންސްޕޯޓް މޮޑެލްއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ޚާއްސަކޮށް ސީޕްލޭން އޮޕަރޭޝަންތަކުގައި ރޭގަނޑު ދަތުރުނުކުރެވޭ ކަހަލަ ހުރަސްތަކެއް ހުރުމުން، ރެޔާއި ދުވާލު އަދި ތަފާތު މޫސުންތަކުގައި ފަތުރުވެރިން އުފުލޭނެ އިންތިޒާމްތައް ހަމަޖައްސަންޖެހޭކަން ވަަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މި ހިދުމަތް އަލުން ތައާރަފުކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ ސިއްހީ ނިޒާމާއި ކުއްލި ހާލަތްތަކުގައި ދެވޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައެވެ. ހާއްސަކޮށް، ބަލިމީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމަށާއި (މެޑިކަލް އިވެކުއޭޝަން)، ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުން ހޯދާ ސަލާމަތްކުރުމުގެ (ސާޗް އެންޑް ރެސްކިއު) މަސައްކަތްތައް އަވަސްކުރުމަކީ މި މަޝްރޫއުގެ މައިގަނޑު އެއް ބޭނުމެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު ކުރެވޭ މަޝްވަރާތައް މިހާރު ދަނީ ކުރިއަށެވެ. އަދި އަންނަ މަހުގެ ތެރޭގައި އެ ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، އަމަލީ މަސައްކަތްތައް ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. މީގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދީފައިވީ ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ ހިދުމަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން އެ ހިދުމަތް ފެށުމަކީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.
މި މަޝްރޫއުގެ ދަށުން ގެނެވޭ ހެލިކޮޕްޓަރުތަކަކީ ޒަމާނީ ވަސީލަތްތަކާއެކު، ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ އުޅަނދުތަކަކަށް ވާނެ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ. މިއީ ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، މި ހިދުމަތް ފަށާ ފުރަތަމަ 3 އަހަރު ދުވަހު، ކޮންމެ މަހަކު 50 ގަޑިއިރަށް އެއްވެސް އަގަކާ ނުލާ ބަލިމީހުން އުފުލުމުގެ ހިދުމަތް ދޭންޖެހޭނެއެވެ. ނަމަވެސް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ސަރުކާރުން އަގު އަދާކުރާނެއެވެ.
ސަރުކާރުން ނިންމާފައި ވަނީ މި ހިދުމަތް ދިނުމަށް ހޮވާ އޮޕަރޭޓަރުންނަށް އެންމެ ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތަކަށް ހުއްދަ ދިނުމަށެވެ. އަދި އަމާޒަކީ އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ރަސްމީކޮށް ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމެވެ. މި މަސައްކަތް ކުރިއަށްދާއިރު، ވައިގެ ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް ބަލާނެކަމުގެ ޔަގީންކަންވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.

