ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަނުން މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމަޔަށް ވަނީ އީސީން އެ ފުރުސަތު ހުޅުވާލާފައެވެ. މަޖިލިސް އިންތިހާބަށް ކުރިމަތި ލުމަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު 9:00 އަކުން މެންދުރުފަހު 14:00 އަކަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ މައުލޫމާތު ދެއްވާފައެވެ.
އީސީ އިން ބުނެފައިވަނީ ފައިސާ ބަލައިގަންނާނީ ހަމައެކަނި ޕީއޯއެސް މެޝިން ބޭނުންކޮށްގެން ކޭޝް ކާޑުން ކަމަށާއި ނަގުދު ފައިސާ ބަލައިނުގަންނާނެ ކަމަށެވެ.
މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އީސީ އިން މިއަހަރުގެ މާރޗް މަހުގެ 17 ވާ އާދިއްތަ ދުވަސް ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް އެ ކޮމިޝަނުން ބުނި ގޮތުގައި އިންތިހާބު ތަކާއި ބެހޭ އާންމު ގާނޫނަށް ގެނެވޭ ބަދަލަކާއި ގުޅިގެން މަޖިލިސް އިންތިހާބުގެ ތާރީހަށް ބަދަލެއް ގެނައުމަށް ލާޒިމް ވެއްޖެނަމަ އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮތް ކަމަށެވެ. އިލެކްޝަން ކޮމިޝަނުން އަމަލުކުރާނީ އަބަދުވެސް ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ގާނޫނަށް ގެނެވޭ ބަދަލެއްގެ ސަބަބުން އިންތިހާބު ބާއްވާ ތާރީހް ފަސްކުރަން ޖެހިއްޖެނަމަ އެކަމަށް އެ ކޮމިޝަނުން ވާނަޖެހޭ ތައްޔާރީތައް ވާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. މަޖިލިސް އިންތިހާބު ރޯދަ މަހު ބޭއްވުމަށް ހަމަޖެހިފައިވާތީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީ އާއި އަދި މީގެ އިތުރުން ގިނަ ސިޔާސީ ޕާޓީ ތަކުންވަނީ އެކަމާ މެދު ކަންބޮޑު ވުން ފާޅުކޮށް އީސީހަށް އެކަމުގެ ޝަކުވާ ހުށަހަޅާފައެވެ. އަދި ގިނަ ސިޔާސީ ޕާޓީތަކުން ދެކޭ ގޮތުގައި ރޯދަ މަހު މަޖިލިސް އިންތިހާބު ބާއްވައިފިނަމަ ވޯޓާސް ޓާންއައުޓް ވަރަށް ބޮޑަށް ދަށްވެގެން ދާނެ އެވެ.
އެހެންނަމަވެސް ގާނޫނީ ކަންކަން ހުރުމުގެ ސަބަބުން މަޖިލިސް އިންތިހާބު ފަސްނުކުރެވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމަށް ގާނޫނަށް ގެންނަން ޖެހެ އިސްލާހު ހުށަހަޅަން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހަޅަން އެމްޑީޕީއާއި، ޑިމޮކްރެޓްސް ޕާޓީން މީގެކުރިން ނިންމިއެވެ.

