ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ އެއްބާރުން އަނެއްބާރަށް އެ ބާރުތަކުގެ ވަރު ދައްކައިގެން ލިބޭނެ ހެވެއް ނުވަތަ މޮޅެއް ނެތް: އަސްލަމް

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތުގެ އެއްބާރުން އަނެއްބާރަށް އެ ބާރުތަކުގެ ވަރު ދައްކައިގެން ލިބޭނެ ހެވެއް ނުވަތަ މޮޅެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވި ރިޔާސީ ބަޔާނަށް ފަހު، ރުހުން ދިނުމުގެ ޖަލްސާގައި ހިނގި ކަންކަމަށް އިޝާރާތްކޮށް އަސްލަމް ވިދާޅުވީ މިއީ ގާނޫނުއަސާސީގެ ދަށުން ތިން ބާރުވަކިވެފައިވާ ނިޒާމެއްކަމަށާއި މަޖިލީހުގެ ޒިންމާއަކީ ފާރަވެރިވެ ޖަވާބުދާރީ ކުރުވުން ކަމަށެވެ.

ކޮންމެ ބާރަކުންވެސް އެ ބާރަކަށް ކަނޑައަޅައިފައިވާ ތަރަހައިގެ ތެރޭގައި ގާނޫނުއަސާސީ އާއި ގާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހުތިރާމް ކުރަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެކަން އެ އުސޫލުން ނުކުރުމަކީ ދައުލަތުގެ ހަމަ ގެއްލިގެން ހިނގައިދާނެ ސަބަބެއްކަމަށާއި އަދި އެއީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި ތިން ވަޒީރަކަށް ރުހުން ނުދޭން ވަނީ ފާސްވެފައެވެ. ރުހުން ނުދޭން ފާސްވީ ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރުކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައިދުގެ އިތުރުން ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމެވެ. ނަމަވެސް ރުހުން ނުދޭން ފާސްކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ރައީސް ވަނީ އަލުން އެ ތިން ބޭފުޅުން ވަޒީރު ކަމުގެ މަގާމަށް އައްޔަނުކުރައްވާފައެވެ. މަޖިލީހުގެ އިދިކޮޅުޕާޓީގެ މެންބަރުން ދެކެނީ އެއީ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަނެ އަމަޖިލީހުގެ ބާރުތަކަށް ގޮންޖެހުމުގެ ގޮތުން ކުރެއްވި ކަމެއްގެ ގޮތުގައެވެ.

މެންބަރުންނާއި މުހާތަބުކުރައްވާ އަސްލަމް އެދިވަޑައިގަތީ ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި މަޖިލީހުގެ މަސައްކަތާއި މަޖިލީހުގެ ކޮމިޓީ ތަކުގެ މަަސައްކަތްތައް ފުރިހަމައަށް ކުރިއަށް ގެންގޮސްދިނުމަށެވެ. އަދި އެ މަސައްކަތް އެގޮތުގައި ކުރިއަށް ގެންދިއުމަށް ރިޔާސަތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވަނީ 19 ވަނަ މަޖިލީހުގެ ރައީސްކަން ދިގު މުއްދަތަކަށް ކޮށްދެއްވި މައްޗަންގޯޅި މެދުދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދި ނައިބުރައީސްކަން ކުރެއްވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲއަށް ޝުކުރު އަދާކުރައްވާފައެވެ. މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި އެކި ކަންކަން ހަމަޖެއްސުމާއި އިދާރީ ކަންކަން ރާވައި ހިންގުމުގައި އަމީން އާންމު އަދި ކައުންސިލް ޖެނެރަލްއަށާއި މަޖިލީހުގެ ހުރިހާ މުވައްޒަފުނާއި މެންބަރުންނަށްވެސް އަސްލަމް ވަނީ ޝުކުރު އާދަކުރައްވާފައެވެ.

މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި ރައީސް އިއްވި ރިޔާސީ ބަޔާނަކީ 19 ވަނަ މަޖިލީހުގައި އިއްވާނެ އެންމެ ފަހު ރިޔާސީ ބަޔާންކަމަށް ވެސް އަސްލަމް ފާހަގަ ކުރެއްވިއެވެ. ރައީސް މުއިއްޒު މަޖިލީހަށް އިއްވޮ ރިޔާސީ ބަޔާނުގައި ވިދާޅުވި ކަންކަން ތަންފީޒު ކުރުމުގައި މަޖިީހުން ދޭން ޖެހޭ އެއްބާރުލުން ދެއްވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: