ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްކުރި ތިން ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރިއިރު އެއްބާރުން އަނެއް ބާރުގެ އިންތެރެއަށް ވަދެ ގަދަވެގަތުމަށް މަސައްކަތް ކުރުން ގޯސްކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އީވާ ހުށަހެޅި ގަރާރުގެ ބަހުސް ފެށިއިރު އެ މައްސަލައިގައި ވަނީ، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ވެރިކަމުގެ ހުވާ ކުރެއްވިތާ ތިން ދުވަސް ފަހުން ފޮނުވާފައިވާ ކަމަށެވެ. އަދި އެކަމާއި މެދު ގޮތެއް ނިންމުމަށް މި މަހުގެ 29 ގައި ތާވަލުކުރުމުން މެމްބަރުންގެ ވޯޓުން ތިން ވަޒީރެއްގެ މައްޗަށް ރުހުން ނެތްކަމަށް ފާސްވި ކަމަށެވެ.
މި ގަރާރުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގައި ރައީސުލްޖުމްހޫރިއްޔާ ހަވާލު ކަންތަކާއި ގާނޫނުއަސާސީންނާއި ގާނޫނުން ހަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މަޖިލީހެއް އޮންނަން ވާނެކަމަށް ވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ވަޒީރުންނަށް ރުހުން ހޯދުމަށް އެ މާއްދާގެ (ށ) ގައި ބުނާއިރު އެ ނަންތައް އައްޔަނު ކުރާތާ ހަތް ދުވަހުގެ ތެރޭގައި މަޖިލީހަށް ރުހުން ހޯދަން ފޮނުވަން ޖެހޭކަން އީވާ ފާހަގަކުރި އެވެ.
މި މައްސަލައިގެ ބަހުސަށް ހުޅުވާލުމުން އީވާ ވިދާޅުވީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބުނާގޮތުގެ މަތީން ވަޒީރުންނަށް ރުހުން ހޯދުމަށް ހުށަހެޅުމުން ތިން ވަޒީރަކަށް ރުހުން ނުދޭން ފާސްކުރި ކަމަށެވެ. އެކަމަކު އަލުން އެބޭފުޅުން މަގާމަށް އައްޔަނުކޮށް އަލުން ފޮނުވިއިރު 2008 ގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ވެރިކަން ހިންގުމުގެ ނިޒާމަށް ބަދަލު ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުމެއްކަމުގައި އީވާ ވިދާޅުވީ އެއް ބާރަކަށް މާ ބޮޑު ބާރެއް ނުދިނުމެވެ.
އީވާ ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެނެސް، ފެހި ގާނޫނުއަސާސީ މެދުވެރިކޮށް ބޭނުންވި ފޮނި މީރުކަމަކީ އެއްވެސް ބާރަކަށް އަނެއް ބާރެއްގެ މައްޗަށް ގަދަވެގަނެ ބަސް ބުނުމުގެ ޖާގަ ނުދިނުމެވެ.
އެ ގާނޫނުއަސާސީ އިސްލާހު ކުރިއިރު އެންމެ ފޮނިމީރުކަމެއްކަމަށް އަޅުގަނޑުމެން އުންމީދު ކުރީ އެއީ ޗެކް އެންޑް ބެލެންސެސް. އެއްވެސް ބާރަކަށް، ނުވަތަ އެއްވެސް ވެރިއަކަށް ސިސްޓަމް އެބިއުސް ނުކުރެވޭނެ ގޮތް ހެދުން..
ވެރިކަން ކުރާ ބާރަށް ފާރަވެރިވުމަށް މަޖިލީހުގެ މައްޗަށް ލާޒިމް ކުރާއިރު، ނިޒާމުގައި ބުނާ ގޮތާ އިދިކޮޅަށް މަސައްކަތް ކުރާ މަންޒަރު ފެންނަކަމަށް އީވާ ވިދާޅުވި އެވެ. އެގޮތުން މަޖިލީހުގެ މައްޗަށް، ސުޕްރީމް ކޯޓުން ބަސް ބުނުން ނުވަތަ ކޯޓުގެ ނިންމުމަކަށް ދައުލަތުން ގޮތް ކިއުން މިއީ އާންމުކަމެއްކަމަށް އީވާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންނަކީ ރުހުން ލިބިފައިވާ ބަޔަކަށް ވާން ޖެހުނު ނަމަވެސް އެ ނޫން ހާލަތެއްގައި ދެން ވާނެ ގޮތެއް ބަޔާންކޮށްފައި ނެތެވެ. އަދި އެބޭފުޅުން އަލުން މަގާމަށް އައްޔަނު ކުރެވިދާނެ ތޯ ނުވަތަ ނޫން ތޯ ވެސް ނެތެވެ.

