2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީޙުން ފާސްކޮށްފައިވާ ބަޖެޓުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތައް ހުރިކަމަށް މިނިސްޓަރ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ފުނައްޑޫ މަސް ފެކްޓަރީ އޮޕަރޭޝަނަށް ގެނައުމާއި ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ބަޖެޓުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އެކަމުގެ ފައިދާ ލިބިގެންދާނެ ފަދަ ވަސީލަތްތައް ގާއިމުކުރުމަށް އިސްކަން ދެއްވިކަަމަށެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އޮޕަރޭޝަނަށް ނުގެނެވި ތިބި ވަސީލަތްތައް ގެނައުމަށް މަސައްކަތްތައް ކުރެއްވިކަމަށެވެ.
ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ފެކްޓަރީގެ ކަންކަން ޕީއެސްއައިޕީ މަޝްރޫޢެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މެމްބަރުން މަސައްކަތްކުރައްވާފައިވާކަންވެސް އެނގިވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މި އަހަރުގެ ބަޖެޓަކީ އެކަން އެގޮތަށް ކުރެން އޮތް ބަޖެޓެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ހަގީގަތުގައި ރައީސް މުއިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި ވަރަށް ބޮޑު ގޮންޖެހުންތަކެއް މި އަހަރުގެ ބަޖެޓުގައި ހުރިކަމަށެވެ.
”މި އަހަރުގެ ބަޖެޓަކީ މީ މާ ބޮޑު ބަދަލުތަކެއް، މާ ބޮޑު ބަދަލުތަކެއް ނޫން ހަގީގަތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުރި ބަޖެޓެއް މި އަހަރުގެ ބަޖެޓަކީ“ މިނިސްޓަރ ޝިޔާމް
މީގެއިތުރުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، ފުނައްޑޫގައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ އެހެނިހެން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބަޖެޓު ނުލިބުމުން އެކަންކަން ކުރުމަށް މަގުފަހިކުރުމަށް ބައެއް ބެންކުތަކާއިއެކު މަޝްވަރާތައް ކުރެއްވިކަމަށެވެ. އެގޮތުން އިސްލާމިކް ޑިވެލޮޕްމެންޓު ބެންކާއިއެކު މިހާރުވެސް މަޝްވަރާތައް ކުރެވެމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

