ރައީސް ޑރ މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ސްޕީޑުގައި ރާއްޖޭގެ ކަންކަން ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރައްވާނެ ސަރުކާރާއިއެކު ތިބި މަންދޫބުންތަކެއް ލައިގެންކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ހދ ނޮޅިވަރަމްފަރަށް ރައީސް ޑރ މުއިއްޒު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒުއާއިއެކު މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން ކަންކުރައްވާ ސްޕީޑު ސާފުވެވަޑައިގެންފައިވާކަމަށާއި ރައީސް މުއިއްޒު ގެންގުޅުއްވަނީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ އެއްވެސް މީހަކު ގެންގުޅެފައިނުވާ ފަދަ ސްޕީޑެއްކަމަށް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމާއި ދާއިރާތަކަށް ތަރައްގީ ގެނައުމުގެ މަސައްކަތްތަކުގައި ރައީސް މުއިއްޒުއާއިއެކު މަސައްކަތްކުރެއްވި ކަމަށާއި ރައީސް މުއިއްޒު މަސައްކަތްކުރައްވަމުންދަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތައް ހައްލުކޮށްދެއްވުމަށްކަމަށް ވިދާޅުވިއެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެންދާ ފަދަ ކަންކަން މިދިޔަ ސަރުކާރުން ކޮށްފައި ހުރުމުގެ ސަބަބުން އެ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ދެއްވަމުންދާ އަހައްމިއްޔަތު ފެނިވަޑައިގެންފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، އެ ސްޕީޑުގައި މަސައްކަތްތައް ކުރެއްވޭނީ ސަރުކާރާއިއެކު ތިބި މެމްބަރުންތަކަކަށް ރައްޔިތުންގެ މަޖިލީހަށް އާދެވިގެންކަމަށެވެ، އަދި ރައީސް އަށް ތާއީދުކުރާ މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ގެނެސްގެން ނޫނިއްޔާ އެމަނިކުފާނުގެ ހަގީގީ ސްޕީޑު ރައްޔިތުންނަށް ނުފެންނާނެކަމަށްވެސް ވިދާޅުވިއެވެ.

