ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުންމީދެއް މަތީ ބޭތިއްބުމުގެ ބަދަލުގައި ކަން ނިންމާ ނަތީޖާ ނެރޭނަން: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން އަބަދު އުންމީދެއްގެ މަތީގައި ބޭތިއްބުމުގެ ބަދަލުގައި މި ސަރުކާރުން ކަންކަން ނިންމާ ނަތީޖާ ނެރެދޭނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ ކޮމަންޑޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުވަނީ ށ ކޮމަންޑޫގެ ކައުންސިލް އަދި ޑަބްލިއުޑީސީއާއިވެސް ބައްދަލުކުރައްވާފައިކަމަށެވެ. އަދި ގިނަ މުހިންމު މަސައްކަތްތަކެއް އެކި ދާއިރާއިން ކުރަންޖެހިފައިވާކަމަށް އަލިއެޅުއްވިއިރު، އެ މަނިކުފާނުގެ ކެމްޕެއިންގެ ތެރެއިން ވެފައިވާ އެންމެ ބޮޑު އެއް ވައުދުކަމަށްވާ ދިގުވެލިދޫގައި އެއަރޕޯޓު ގާއިމުކޮށްދިނުމުގެ މަސައްކަތްތައް ވައުދާއި އެއްގޮތަށް ނިންމަވައިދެއްވާނެކަން ހާމަަަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ގިނަ ކަންކަން ފެށިފައިވާކަމަށެވެ. ނުވަތަ ކޮޅެއްގައި ނުޖެހި މެދު ކެނޑިފައިވާކަމަށެވެ. އެހެންކަމުން އެކަންކަމަށް ދާއިމީ ހައްލެއް ގެނައުމަކީވެސް ރައްޔިތުންގެ ބޮޑު އުންމީދެއްކަމަށާއި މަތި ކޮމަންޑޫ އާއި ގުޅުވާލުމަކީވެސް ރައްޔިތުންގެ އެދުމެއްކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރަށަށް ބޭނުންޖެހިފައިވާ ހުރިހާ މަސައްކަތްތަކެއް ޖުމުލަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ގަސްތުކުރާކަމަަށާއި އައިސްޕްލާންޓު ފަދަ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ކޮށްދެއްވާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ކަންކަމަށް ސަރުކާރުން އިޖާބަދޭނެކަމަށާއި އަބަދު އުންމީދެއްގެ މަތީގައި ބޭތިއްބުމުގެ ބަދަލުގައި ކަންކަން ނިންމައިދީ ނަތީޖާއެއް ނެރެދޭނެކަމަށެވެ. އަދި މި ސަރުކާރުން އަމަލުކުރަމުންދާނީ އެގޮތުގެ މަތިންކަމަށާއި އެކަމުގެ ތަފާތުތައް ފެނިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަޝްރޫޢުތައް ހިންގާއިރު އަދި ކަންކަން ކުރާއިރު، އެކަން ކަން ކުރިއަށް ގެންދެވެންޖޭހޭނީ ރައްޔިތުންނާއި މަޝްވަރާކުރެވިގެންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ މުޅި ސިޔާސަތު ބައްޓަންކޮށްފައިވަނީ އެ ވިސްނުމުގެ މައްޗަށްކަމަށާއި ކައުންސިލުތަކާއި ގާތުން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވަނީވެސް އެ ސަބަބާއި ގުޅިގެންކަން ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކައުންސިލުތައް ހޮވާފައިވަނީ ރައްޔިތުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރާއި ހިއްސާކުރުމަށްކަމަށެވެ. އަދި ރަށުގައި ރަށުގައި ބިނާކުރަމުންދާ ބުރިޖު ފެށޭ ހިސާބު ކަނޑައަޅާފައިވަނީ އެންމެ އެކަށީގެންވާ ގޮތުގެ މަތިން ނޫންކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށާއި ހަމަ އެގޮތުގެ މަތިން މީގެ ކުރިން މިފަދަ މުހިންމު މަސައްކަތްތައް ކައުންސިލުގެ ބައިވެރިވުމެއް ނެތި ކުރިއަށް ގެންދިޔަކަމުގެ މައުލޫމާތުވެސް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަޝްރޫޢުއަކަށް ބޭނުންވާ ޑިޒައިން މަސައްކަތްތަކެއް ކިތަންމެ ތަފްސީލުކޮށް ކުރީގައި ކޮށްފައި އޮތްނަމަވެސް ބަދަލުތައް ގެންނަން ޖެހޭކަމަށް ވާނަމަ އެ ބަދަލުތަކެއް ގެނެސްގެން ކުރިއަށް ގެންދަން ބޭނުންވާކަން ދަންނަވާފައިވާނެކަމަށާއި ސަބަބަކީ ބިނާކުރާ ވަސީލަތްތައް ބޭނުންކުރާނީ އެ ރަށެއްގެ ރައްޔިތުންނަށްވާތީ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ފައިދާ ވެގެންދާނީ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާ ފަދަ ގޮތަކަށް މަޝްރޫޢުތަށް ކުރިއަށް ގެންދެވިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: