ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ތަންތަނުން ލިބޭ ފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ލިބުނު ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރިކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
ޤާނޫނު ނަންބަރު 9/2009 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސއޫލިއްޔަތުތަކާއި ބާރުތައް) ގެ (ޅ) އިން ލިބިދޭ ބާރުގެ ދަށުން ޕީޖީގެ އަމުރަށް ފުލުހުން ތަހުގީގު ކުރަމުން ގެންދާ މައްސަލައިގައި މަސައްކަތްކުރައްވާ އިންވެސްޓިގޭޓަރުންނާ ޝަމީމް ވަނީ ބައްދަލު ކުރައްވާފައެވެ.
މިބައްދަލުވުމުގައި އެމައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި، އެމަސައްކަތްތައް ނިންމާނެ ގޮތުގެ ވަގުތު ރޮނގަކާބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާކަމަށް ޕީޖީ އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. މިމަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި އަދި މައްސަލައިގެ މިހާތަނަށް ލިބިފައިވާ ހެކިތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިކަމަށް ޕީޖީން ވަނީ ބުނެފައެވެ.
އެހެންކަމުން ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް އިތުރަށް ހޯދައި ފުރިހަމަކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް ގޮތްތަކެއް މިހާރު ނިންމާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. މީގެއިތުރުން މިމައްސަލައިގައި އިތުރަށް ތުހުމަތު ކުރެވޭ މީހުންގެ ބައިތަކުގައި ތުހުމަތު އިއްވައި ބަޔާން ނެގުމާބެހޭ ގޮތުންވެސް މަޝްވަރާ ކޮށްފައިވެއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އެ ބައްދަލުވުމުގައި ފުލުހުން މިމައްސަލައިގައި ކުރައްވަން ހުރި މަސައްކަތްތައް ނިންމައި، ވީހާވެސް އަވަހަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅުއްވައި ދެއްވުމަަށް އެއްބަސްވެފައިވާ ކަމަށެވެ.

