މިދިޔަ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް މި ސަރުކާރުގެ ނަމަށް ބަދަލުކޮށްގެން ނަމަވެސް ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގައި ރޭ ބޭއްވި ”ހަމަ މަގަށް“ ކެމްޕެއިން ޖަލްސާގައެވެ. އެމްޑީޕީގެ ވެރިކަމުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 36 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށާއި އޭގެ ތެރެއިން ހަތް ބިލިއަން ރުފިޔާ އަމާޒުކުރީ އައްޑޫ ސިޓީގެ ތަރައްގީއަަށްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
މީގެ ތެރޭގައި މަގުތައް ތަރައްގީކުރުމާއި، ބިން ހިއްކުމާއި އެއާޕޯޓުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނޭކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ، ފަތުރުވެރިކަން ފުޅާ ކުރުމުގެ މަޝްރޫއުތައްވެސް ހިމެނޭނެކަމަށެވެ. އެގޮތުން ހަންކެޑެ ތަރައްގީކުރުން ފާހަގަކުރެއްވިއެވެ. އަދި އައްޑޫގައި ހިއްކި ބިމުގައި ތަރައްގީކުރާ ރިސޯޓްތަކުން ވަޒީފާތައް އުފެދޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަޅުގަނޑަށް އެންމެ ރަނގަޅު، މާތްކަލާކޯ ތި އެއާޕޯޓަށް ކޮންމެ ނަމެއް އެ ބޭފުޅާ ވިދާޅުވިޔަސް. އެކަން ކުރައްވާ. ބޭރުގައި ރައީސް މުއިއްޒު އެއާޕޯޓް ޖެއްސެވިޔަސް މައްސަލައެއް ނެތް.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައިވެސް އޭރު އެމްޑީޕީއިން އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ، ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ދީފިނަމަ އެމްޑީޕީ ސަރުކާރުގެ މަޝްރޫއުތައް ހުއްޓާލާނެކަމުގެ ވާހަކައެވެ.

