އެއް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ގައިވަދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުވެ ތެރެއަށް ވައްދާ އެމީހުންނަކީ ކޮބައިކަން ދެނެގަނެވޭނެކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ކ. ހިންމަފުށީގައި ”އޮޕަރޭޝަން ކުރަނގި“ ނަމުގައި އިފްތިތާހު ކުރި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ މިނިސްޓްރީ އޮފް ހޯމް އެފެއާރސް ރީ ބްރޭންޑް ކޮށްފައިވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ނަމުގައި ރީ ބްރޭންޑް ކޮށް އަލުން އާ މޭންޑޭޓަކާއި އެކު ފެށުމުގައި ވަރަށް ބޮޑެތި މަގުސަދުތަކެއް އޮތް ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް މަގުސަދަކީ ދިވެހިރާއްޖޭގެ އެތައް އަހަރުތަކެއް ވެފައިވާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށް އިހުސާން ވިދާޅުވިއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އެކަން ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ މިކަމާއި ގުޅުންހުރި ހުރިހާ އިދާރާތަކެއް އެއް ވުޒާރާއެއްގެ ދަށުން މަސައްކަތް ކޮށްގެން ކަމަށް ރައީސްއަށް ގަބޯލުފުޅު ކުރެވުނު ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންކަމުން މިނިސްޓްރީ އޮފް ހޯމް ލޭންޑްގެ ދަށަށް ބޭރުގެ މީހުންނަށް ކޯޓާ ދިނުމާއި ވޯކް ޕާމިޓް ދިނުމުގެ މަސައްކަތް ބަދަލުކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ވޭތުވެދިޔަ ފަސް މަސް ދުވަހު މިކަމުގެ ބެކްރައުންޑް މަސައްކަތް ކޮށްފައިވާ ކަމަށާއި މި މައްސަލައިގެ އަސްލު ދެނެގަނެވިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
މި މައްސަލަ ދާއިމީކޮށް ހައްލު ކުރާނެ ޕްލޭނެއް ކަނޑައެޅި، މިއަދު މި ފަށައިގަންނަ އޮޕަރޭޝަން ކުރަނގިއަކީ މުޅި ދިވެހި ރާއްޖޭގައި އަޅުގަނޑުމެން ފަށައިގެން ކުރިއަށް ގެންދާނެ ބޭރު މީހުންގެ މައްސަލައަށް ގައިވައިދާ ހިލާފަށްއުޅެމުންދާ ބޭރު މީހުންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އަމަލީ މަސައްކަތުގެ ފުރަތަމަބައި
މި މަސައްކަތަކީ ޖުމްލަ ތިން އަހަރުދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ މަސައްކަތެއް ކަމަށާއި މިކަމުގެ ފުރަތަމަ ބައި އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންކަމުން ފުރަތަމަ އެއްއަހަރުގެ ތެރޭގައި ނިންމުމަށް އޮތް މަސައްކަތަކީ ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ބޭރު މީހުންގެ ތެރެއިން ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން އަންނަ ބިދޭސީން ހޯމް މިނިސްޓްރީގެ ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކަމަށް އިހުސާން ވިދާޅުވިއެވެ.

