ފުލުހުންގެ ހިދުމަތު ބައްޓަންވާންޖެހޭ ގޮތަށް ބައްޓަންވަމުން މިދަނީ އަދި ކިރިޔާ ކަމަށާއި މި ސަރުކާރުގެ ދައުރު ނިމޭއިރު، ރައްޔިތުން އެދޭ ފަަދަ ހިދުމަތެއް ދެވިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު މާލޭގައި ބޭއްވި އެކުވެރިކަމުގެ ހިނގާލުމަށްފަހު މިނިސްޓަރު އިހުސާން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި އިރު ފުލުހުންގެ މަރުކަޒު ގާއިމްކޮށްގެން ހިދުމަތް ދެމުން ދިޔައީ 17 ވަރަކަށް ރަށުގައި ކަމަށެވެ. ނަމަވެސް، މިހާރު ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދީ، މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މަރުކަޒުތައް ގާއިމްކުރުމުގެ އިތުރުން ހާއްސަ ދާއިރާތަކުން ފުލުހުންނަށް ތަމްރީނު ދިނުމުގެ ކަންކަން ވެސް ކުރިއަށްދާ ކަމަށާއި ފުލުހުންގެ ހިދުމަތް އަސްލު ބައްޓަންވާންޖެހޭ ގޮތަށް ބައްޓަންވަމުން އަންނަނީ އަދި ކިރިޔާ ކަމަށް ވިދާޅުވިއެވެ.
”މި ހުރިހާ ކަމަކަށް ބަލާއިރުގައި، ދިވެހި ފުލުހުންގެ ހިދުމަތް އަސްލު ބައްޓަންވެގެން އަންނަންޖެހޭ ގޮތަށް އަދި ކިރިޔާ އަޅުގަނޑަށް މި ފެންނަނީ ބައްޓަންވެގެން އަންނަތަން،“ އިހުސާން
މި ދައުރު ނިމޭއިރު، އެންމެ އެދެވޭ ގޮތެއްގައި ފުލުހުންނަށް ދިވެހި ރައްޔިތުންނަށް ހިދުމަތް ދެވޭ ގޮތަށް ފުރިހަމަ އިންފްރާސްޓްރަކްޗާ އަދި އިންސާނީ ވަސީލަތް ގާއިމްކުރިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއާއެކު ދިވެހި ރައްޔިތުން އެދޭ ފަދަ ހިދުމަތެއް ދިވެހި ފުލުހުންގެ ފަރާތުން ލިބެމުންދާނެ ކަމަށްް ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތް މަދަނީ ހިދުުމަތަކަށް ބަދަލުވެގެން އައިތާ 22 އަހަރު ވެފައިވާނަމަވެސް ފުލުުހުންގެ ހިދުމަތަށް މީހުންނާއި ތަމްރީނު އިތުރުވިއިރު، އިންފްރާސްޓްރަކްޗާގެ ވަސީލަތްތައް އިތުރުވެފައި ނެތުމުން، އެންމެ އެދެވޭ ގޮތެއްގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ވެސް އިހުސާން ވިދާޅުވެފައިވެެއެވެ.
ފުލުހުންގެ ހިދުމަތާއި ސިފައިން ވަކިކޮށް، މަދަނީ ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ދެމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ފުލުހުންގެ އެކި ރޭންކުތަކުގެ 1000އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

