މި ސަރުކާރު ވެރިކަމަށް އައި ފަހުން ގޭންގު މާރާމާރީއެއްގައި އެއްވެސް ޒުވާނެއްގެ ފުރާނަ ގޮސްފައިނުވާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިހެން ވިދާޅުވީ ޕީއެންސީގެ މަތީ މަޖިލިސް ކޮންގްރެސްގައި ހުށަހަޅައިދިން ޕްރެޒެންޓޭޝަނުގައި ގޭންގު ކުށްތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ އިހުސާންގެ ޕްރެޒެންޓޭޝަންގައި ގޭންގުތަކާއި ބެހޭގޮތުން ވިދާޅުވީ, ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވިއިރު ގޭންގުތަކުގެ ބޮޑެތި މައްސަލަތަކެއް ހުރިކަމަށާއި އެގޮތުން ގޭންގުތަކުން ކޯޓުތައް ކޮންޓްރޯލު ކުރުމާއި, މަގުމަތީގައި ތަޅާފޮޅާ މާރާމާރީ ހިންގުމާއި މީހުން މެރުން ފަދަ ކަންކަން ރާއްޖޭގައި އޮތީ ހައްދު ފަހަނައަޅާފައި ކަމަށެވެ.
އެހެންކަމުން އެންމެ ފުރަތަމަ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ބެއްލެވީ ގޭންގުތައް ކޮންޓްރޯލު ނުވެގެން އުޅެނީ ޤާނޫނުގައި ކޮން ހުސްކަމެއް އޮވެގެންތޯ އަދި އެގޮތުން ޤާނޫނެއް ފަރުމާކޮށް ޤާނޫނީ ގޮތުން އެއީ ގޭންގެއްކަމަށް ކަނޑައަޅާ އޮޕަރޭޓު ނުކުރެވޭ ގޮތް ހެދިކަން އިހުސާން ފާހަގަކުރެއްވިއެވެ.
ދެވަނަ ކަމަކަށް އެފަދަ ގޭންގުތަކާއި ގޭންގުތަކަށް ޚަރަދުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ގޮތް ކަނޑައެޅިކަން މިނިސްޓަރ އިހުސާން ފާހަގަކުރެއްވިއެވެ. އަދި އެކިއެކި ނަންނަމުގައި ގޭންގުތައް ހަދައިގެން އެކިވަރުގެ ބޮޑެތި ކުށްކުރާ ފަރާތްތައްވެސް ކޮންޓްރޯލު ކުރެވޭނެ ގޮތްތަކެއް ހޯދިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން، ގޭންގުތަކާއި ކުށްކުރުން މަދުކުރުމަށްޓަކައި މި ސަރުކާރުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްކޮށްދިންކަމަށް މިނިސްޓަރގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަރުކާރުން އެއްވެސް ވަރަކަށް ޒުވާނުން ޖަލަށްލާން ބޭނުންނުވާކަމަށާއި ބޭނުންވަނީ އެފަދަ ފަރާތްތަކަށް ނަސޭހަތްދީ މުޖުތަމައު ބަލައިގަންނަ ޒިންމާދާރު ވަޒީފާ އަދާކުރާ ބަޔަކަށް ހެދުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ގޭންގުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދެވުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ހުށައެޅުމާއެކު ގިނަ ބަޔަކު ޖަލަށްލާން ނުޖެހި އެމަގު އިހްތިޔާރު ކުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
2007 ވަނަ އަހަރުން ފެށިގެން 20023 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ އަހަރަކު ރާއްޖޭގައި ގޭންގު މާރާމާރީގައި އެވްރެޖްކޮށް 2 ނޫނީ 5 މީހުންގެ ފުރާނަ ގޮސްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ, މި ސަރުކާރު ވެރިކަމަށް އައިފަހުން އެއްވެސް ގޭންގު މާރާމާރީއެއްގައި މިފަދަ އެއްވެސް ހާދިސާއެއް ހިނގާފައިނުވާކަމަށާއި އެއްވެސް ޒުވާނެއްގެ ފުރާނަ ގޮސްފައިނުވާކަމަށެވެ.
މިގެ އިތުރުން މިނިސްޓަރ ވިދާޅުވީ މާލޭގައި 13 އަދި ހުޅުމާލޭގައި 12 ޔުނިޓެއް ޤާއިމްކޮށް 24 ގަޑިއިރު ގޭންގުތައް މޮނިޓަރ ކުރަމުންދާ ކަމަށެވެ. އެގޮތުން ގޭންގުތައް ހަދައިގެން އުޅުނު ކުދިންނަށް އެތަންތަނުގައި މަޑު ނުކުރެވޭ ވަރަށް ސިފައިން އެފަދަ ސަރަހައްދުތަކުގައި ހަރަކާތްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މަގުތައްމަތިން ހަ ހާހަށްވުރެ ގިނަ ކުޑަކުދިންނާއި ފުލުހުން އިންޓަރެކްޓުކޮށް އޭގެ ތެރެއިން 159 ކުދިން ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވި ފުލުހުންގެ މަރުކަޒުތަކަށް ގެންގޮސް ނަސެހަތް ދެވިފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޖުމްލަ ގޮތެއްގައި މިނިސްޓަރ ވަނީ މި ސަރުކާރުން ގޭންގު ކުށްތައް ހުއްޓުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި ގޭންގުތަކުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

