އިންޑިއާ އާއި ދެމެދު އެއްބަސްވެވިފައިވަނީ ކަމެއް ޖެހިއްޖެ ހާލަތެއްގައި އެ ގައުމުގެ މަދަނީ މުއައްޒަފުން އުޅަނދުތައް އޮޕަރޭޓްކުރަންކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ، ބައްދަލުވުން ބޭއްވުމުގެ މަގުސަދަކީ ރައީސް ޑރ މުއިއްޒު ރައްޔިތުންަނަށް ވެވަަޑައިގެންނެވި އެންމެ މުހިންމު ވައުދު ފުއްދަވައިފައިވާކަން ހާމަކުރެއްވުންކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އަމާން އޮމާންކަމާއިއެކު ޑިޕްލޮމެސީގެ އެންމެ ރީތި އުސޫލުތަކުގެ ތެރެއިން ރައީސް މުއިއްޒު އެމަނިކުފާނު ވެވެވަޑައިގެންނެވި ވައުދު ފުއްދަވާފައިވާތީ އެކަމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާކަމަށެވެ. މިނިސްޓަރ ޣައްސާން ވިދާޅުވީ، ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންވަނީ މިހާރު ދިވެހިރާއްޖޭގެ ފަސްގަނޑުން ފައިބައިގެން ގޮސްފައިވާކަމަށެވެ.
މިނިސްޓަރ ވަނީ އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މުއައްޒަފުންތަކަށް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދީފައިވާކަމާއި ގުޅޭގޮތުން ކުރެވުނު ސުވާލަކަށްވެސް ޖަވާބު ދެއްވާފައެވެ، ޣައްސާން ވިދާޅުވީ، ރައީސް ޑރ މުއިއްޒު އެދިވަޑައިގަތީ ދިވެހިންގެ ގާބިލިއްޔަތު އިތުރުކުރަމުންދާ ދަނޑިވަޅެއްކަމަށްވުމުން އެއްވެސް އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބުމަށްކަމަށާއި ރައީސް ހިއްސާކުރެއްވީ ދިވެހި ރައްޔިތުން އެކަން ނޭދޭ ވާޙަކަ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް ކުރެވުނު މަޝްވަރާތަކުގެ އަލީގައި މިވަގުތު އެއްބަސްވެވިފައިވަނީ އެ ޕްލެޓްފޯމުތައް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި މަދަނީ މީހުން ބޭނުންކޮށްގެން އޮޕަރޭޓްކުރުމަށްކަމަށާއި މިހާރު ތިބީ އޮޕަރޭޓުކުރަމުންދާ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މުއައްޒަފުންކަމަށްވެސް ހާމަކުރެއްވިއެވެ.


One Response
އެއީ ސައުދީ ބައެއް. ހެލިކޮޕްޓަރ އުފައްދާކުންފުނިން ރާއްޖޭގަތިބި އިންޑިއާ ސިފައިންގެ ބަދަލުގަ މީހުންފޮނުވާނެތަ. ދެން ކީއްވެ އިންޑިއާސިފައިންގެ މަނަވަރެއްގަ އެހެންހެލިކެޕްޓަރެއް ގެނައީ.