ތިން ވަނަ ދައުރަށް ވެރިކަން ދަމަހައްޓަވާފައިވާ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވާ ލީޑަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތަކީ ރައީސް ޑރ މުހައްމަދު މުއިއްޒުކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އެތައް ހަފްތާއަކަށް ދިގު ދެމިގެންދިޔަ އިންޑިއާގެ ނެޝަނަލް އިލެކްޝަންސް ނިމުނު އިރު މޯދީއަށް ވަނީ ޒަމާންތަކުގެ މަތިންވެސް އިންޑިއާގެ ސަރުކާރަކަށް ހާސިލުކުރެވިފައިނުވާ ތާރީހީ ކާމިޔާބީއެއް ހާސިލުކުރެވިފައެވެ. އެގޮތުން ފަހުގެ ތާރީހެއްގައި ތިން ވަނަ ދައުރެއް ދީފައިނުވާކަން ފާހަގަކުރެވެއެވެ.
ރާއްޖެއާއި އިންޑިއާ އާއި ދެމެދު މި ފަހުން ގިނަ މަައްސަލަތަކެއް ފެންމަތިވެފައިވުމާއިއެކު މީޑިއާތަކުންވަނީ އެ ގައުމާއި އެންމެ ގާތުގައި އޮންނަ އެއްގައުމަކީ ރާއްޖެކަމަށްވުމުން ރައީސް މުއިއްޒު މޯދީގެ އިނޯގްރޭޝަންއަށް ވަޑައިގަންނަވާނެކަމާއިމެދު ސުވާލު އުފައްދާފައެވެ. އެހެންނަމަވެސް ސަރުކާރުންވަނީ އެމަނިކުފާނު ވަޑައިގަންނަވާނެކަން ކަށަވަރުކޮށްދީފައެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުން މި ހަފްލާއަށް ގިނަ އަދަދެއްގެ ބޭރު ގައުމުތަކުގެ ލީޑަރުންނަށް ދައުވަތު ދީފައިވާކަމަށެވެ. އިންޑިއާގެ ރައީސް ހުންނަވާ ގަނޑުވަރު، ރާޝްޓްރަޕަތީ ބަވަންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތަށް ވަޑައިގަންނަވާނީ އިންޑިއާ ސަރަހައްދުގެ އަވައްޓެރިންކަމަށްވެސް ބުނެފައިވާއިރު މި ގުޅުންތައް އެ ގައުމަށް މި މިންގަނޑަށް މުހިންމުވެފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުން ސާގަރްގެ ނަމުގައި ފަށާފައިވާ ގައުމުތައް ގުޅިގެން ކުރިއަށް ގެންދާ ސަލާމަތީ މަސައްކަތްތަކާއި ގުޅިގެންކަމަށްވެސް ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ އަދި ސޭޝެލްޝްގެ ނައިބުރައީސް އަހުމަދު އަފީފް ރަސްމިއްޔާތުގައި ޝާމިލުވުމުގެ ގޮތުން ކުރީބައިގައި އެ ގައުމަށް ވަޑައިގެންފައިވާކަމަށް ބުނެފައިވާއިރު ވަޑައިގަންނަވާނެކަން ކަށަވަރުކޮށްދީފައިވާ ފަރާތްތަކުގެ ތެރޭގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ބޫޓާންގެ ބޮޑުވަޒީރު ޗެރިން ޓޮބްގޭ އަދި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރް ޖަގުނާތުވެސް ހިމެނޭކަމަށާއި ރައީސް މުއިއްޒުއާއި ނޭޕާލްގެ ބޯޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލްވެސް ވަޑައިގަންނަވާނެކަމަށް މީޑިއާތަކުންވަނީ ސަރުކާރާއި ހަވާލާ ދީ ހިއްސާކޮށްފައެވެ.
ގިނަ ލީޑަރުންތަކެއް ބައިވެރިވެވަޑައިގަންނަވާ މި ހަފްލާގެ އެންމެ ހާއްސަ ޝަހުސިއްޔަތަކީ ރައީސް މުއިއްޒުކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ. އެގޮތުން އެމަނިކުފާނު ހާއްސަ ވެގެންދަނީ ދައުރު ފެއްޓެވުމާއިއެކު އިންޑިއާ ރާއްޖެ ދެމެދު ގިނަ މައްސަލަތަކެއް އުފެދިގެންދިއުމާއިއެކުކަމަށްވާއިރު އޭޝިއާ ސަރަހްދުގެ އެންމެ ބާރުގަދަ ދެ ގައުމު އިންޑިއާ އާއި ޗައިނާއިންވެސް ރާއްޖޭގެ މައްޗަށް ނުފޫޒުތަކެއް ފޯރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވުމުންވެސް އެމަނިކުފާނުގެ ހާޒިރީ ހާއްސަ ވެގެންދާކަމަށް ބުނެފައިވެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފެނިގެންދިޔައީ ޕްރޯ އިންޑިއާ ސިޔާސަތެއް ގެންގުޅުއްވި މީހެއްގެ ގޮތުގައިކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާއިރު، ރައީސް މުއިއްޒު ފެނިގެންދަނީ ބޮޑަށް ޗައިނާއަށް ބުރަވާ މަންޒަރުކަމަށާއި ގަލެއް އެއްލާލުމުން ޖެހޭ ވަރަށް އިންޑިއާ އާއި ގާތުގައި އޮންނަ ރާއްޖޭގެ މައްޗަށް މި ދައުރުގައި ޗައިނާގެ ނުފުޒު މިހާރުވެސް ކުރިއަށްވުރެ އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް މި ދައުވަތު ގަބޫލުކުރައްވައި ރަސްމިއްޔާތަށް ވަޑައިގަތުމަކީ އިންޑިއާ އާއި ދެމެދު އަލުން ގުޅުން ބަދަހިކުރުމަށް އެމަނިކުފާނު ތައްޔާރަށް ހުންނެވިކަމަށް ފެނިގެންދާކަމަށްވެސް ބުނެފައިވެއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ރާއްޖެ ޗައިނާ ކޮޅަށް ބުރަވާނެކަމަށް އަންދާޒާކުރިނަމަވެސް ރައީސް މުއިއްޒުވަނީ ތަކުރާރުކޮށް އެ ވާހަކަތަކާއި ދެކޮޅު ހައްދަވާފައެވެ. އެގޮތުން އެމަނިކުފާނު ގެންގުޅުއްވަނީ ރާއްޖެ އިސްކުރައްވާ ސިޔާސަތެއްކަމަށް ބުނެފައިވެއެވެ. އަދި އެމަނިކުފާނު ދެއްވާ މެސެޖު ސާފުކަމަށާއި ވިދާޅުވަމުންދަނީ ގައުމަށް އެންމެ މަންފާހުރި ގޮތަކަށް އަްމަލުކުރައްވާނެކަމުގެ ވާހަކަތައްކަަމަށާއި ދެ ގައުމުގެ ފަރާތުންވެސް ލިބިގަނެވެން ހުރި ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތްކުރައްވާނެކަމުގެ ވާހަކަ ކަމަށް މީޑިއާތަކުން ރިޕޯޓުކުރާއިރު އެމަނިކުފާނުގެ ފަރާތުން ފެނިގެންދާ މި ސިފައަަކީ ގައުމު ކުރިއެރުވުމަށް ބޭނުންވާ ކޮންމެ ބަޔަކުވެސް ގެންގުޅުއްވާނެ ވިސްނުންކަމަށް ފާހަގަކޮށްފައިވެއެވެ.

