ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިއްޔާ ފޮނުއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސާލިހު ވިދާޅުވީ، އިންޑިއާގެ ރައީސް ޑްރައުޕަދީ މުރްމޫ އަދި އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ އަދި އިންޑިއާގެ ރައްޔިތުންނަށް އެ ގައުމުގެ 78 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާކަަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބޮޑުވަޒީރު މޯދީގެ ސަރުކާރުން 2047 ވަނަ އަހަރުގެ ނިޔަލަށް ޒަމާނީ ތަރައްގީއާއި އެއްހަމަ ކޮށްފައިވާ ގައުމެއްގެ ގޮތުގައި އިންޑިއާ ބިނާކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިކަމަށްވާ ”ވިކްސިޓްބާރަތް“ ހާސިލުކުރެވުމާއި ގާތަށް ދާއިރު، އެ ގައުމުން ރާއްޖެއަށް ދީފައިވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށެވެ. އަދި މި ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެ ގައުމުން އަދާކުރާ ދައުރަށްވެސް ޝުކުރުވެރިވާކަމަށް ހިއްސާކުރެއްވިއެވެ.
ރައީސް ސާލިހު ވިދާޅުވީ، އިހު ޒަމާނުއްސުރެ ދެ ގައުމާއި ރައްޔިތުންގެ ދެމެދު ގާއިމުވެފައިވާ ގުޅުން ދިގު ދެމިގެންދިއުމަށް ދުއާކުރައްވާކަމަށެވެ.

