ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަނީ އަދަށްވުރެ ފަހި މާދަމާއެއްގެ ކުލަވަރުތައް!

ރައީސް މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު އެކުގައި ތިއްބެވި މަންޒަރު: ފޮޓޯ/ އިންޑިއާގެ މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ހަ މަސް ދުވަހަކީ ދިވެހިރާއްޖޭގެ ތާރީހުގައި ބޮޑު އަކުރުން ފެވިފައިވާ ދުވަސްތެކެކެވެ، ކުރިއަށް އޮތް ޒަމާންތަކުގައިވެސް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށްޓަކައި ކުރި މަަސައްކަތްތަކާއި އެ މަސައްކަތްތައް ކުރިއަށް ގެންދެވި ބޭފުޅުންނާއި ހޯއްދެވި ކާމިޔާބީގެ ވާހަކަތައް ދެކެވޭނެކަން ކަށަވަރެވެ.

މި މަސައްކަތްތައް ކުރިއަށް ގެންދިޔަ ދުވަސްވަރަކީ އިންތިހާއަށް ރާއްޖެ ސިޔާސީ ގޮތުން ހަލަބޮލި ވެގެންދިޔަ ދުވަސްތަކެކެވެ. ރަސްމީގޮތުން ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިންވެސް އެ މަސައްކަތްތަކަށް ބާރުއަޅުވަމުން ގެންދެވުމާއި ގުޅިގެން އިންތިގާލީ މަރުހަލާގެ ތެރޭގައި ރައީސްކަމުގައި ހުންނެވި ޑރ މުހައްމަދު މުއިއްޒު ވެރިކަމުން ދުރުކޮށްފާނެކަމުގެ އިންޒާރު އިދިކޮޅު ފަރާތްތަކުން ދީފައިވެއެވެ.

އެހެންނަމަވެސް ދެ ގައުމުގެ ދެމެދު ކުރެވުނު ހާރިޖީ މަސައްކަތްތަކާއި ގުޅޭގޮތުން ސިޔާސީ ގޮތުން ދެކެވެމުންދާ ވާހަކަތަކާއި ދުރަށް ޖެހި ބަލާއިރު ގެއްލުންތަކެއް ވެފައިވާކަމަށް ފެންނާކަށެއް ނެތެވެ. ތެދަށް ބުނަންޏާ ފެންނަނީ ފައިދާތަކެއްވެފައިވާ މަންޒަރެވެ. މީގެ ކުރިން ރާއްޖޭގެ ސަރުކާރު ފެނިގެންދިޔައީ ވަކި ގައުމަކަށް ވަރަށް ބޮޑަށް ބަރޯސާވެ އަޅުވެތިވެފައި އޮތް މަންޒަރުނަމަވެސް އަދުގެ ސަރުކާރުންވަނީ ހަގީގަތުގައިވެސް މިއަދާއި ޖެހެންދެން ޕްރޯ މޯލްޑިވްސް ސިޔާސަތެއް ދަމަހައްޓާފައެވެ. އަމަލުކުރަމުންދަނީ ރާއްޖެއަށް އެންމެ މަންފާ ހުރި ގޮތެއްގެ މަތިކަމަށް ބުނަން ސަރުކާރަށް ފުރުސަތު އެބަ އޮތެވެ.

3 ވަނަ ދައުރަށް ވެރިކަމަކާއި ހަވާލުވެފައިވާ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝާމިލުވުމަށް ދެކޮޅު ހެއްދެވުމުގެ ބަދަލުގައި ވަޑައިގަތުމަށް ނިންމި ނިންމުމަކީވެސް ރާއްޖެއަށް ފައިދާ ހޯދަން ލިބޭ ކޮންމެ ފުރުސަތެއްގައި އެމަނިކުފާނު ހިއްޕަވާނެކަމަށް މީގެ ކުރިން ވިދާޅުވެފައިވާ ބަހުގެ އަގު ހުރިކަން ފެނިގެންދާކަމެކެވެ.

ރައީސް މުއިއްޒު މި ނިންމެވުން ނިންމެވީ އެމަނިކުފާނު ދައުވަތު ގަބޫލުނުކުރައްވާނެކަމަށް ބެލެވޭކަމަށް ބައެއް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނިކޮށެވެ. އިންޑިއާ ސިފައިން ބޭލުމަށާއި ރާއްޖެގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި ބައިނަލްއަގުވާމީ މައިދާނުގައި ރައްޔިތުންގެ ބަސް އިއްވުމުގެ ނަތީޖާއެއްގެ ގޮތުގައި އެމަނިކުފާނަކީ ހަރުކަށި ވެރިއެއްގެ ގޮތުގައި މީޑިއާތަކުން ސިފަކޮށްފައިވާއިރު އިންޑިއާގެ ނޫސްތަކުން މި ސުވާލުތައް އުފައްދަމުންދިޔައީ ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުން ރައީސް މުއިއްޒު އިންޑިއާ އާއި ދެކޮޅުވެރި ވިސްނުންތަކެއް ގެންގުޅުއްވާކަމަށް ފެނި ދެ ގައުމުގެ ދެމެދު މައްސަލަތަކެއް އުފެދިފައިވާކަމަަށް މީގެ ކުރިން ރިޕޯޓު ކުރެވިފައިވުމާއި ގުޅިގެންކަން ފާހަގަކުރެވެއެވެ.

އެހެންނަމަވެސް ރައީސް މުއިއްޒު ކުރެއްވި މަސައްކަތްތަކަށް ރަނގަޅަށް ބަލާލާއިރު އެކަމުގެ ތެރޭގައި މާ ބޮޑެތި ސިޔާސީ ވިސްނުންތަކެއް ހުރިކަމަކަށް ފެނިގެންނެއް ނުދެއެވެ. އެހެން ވެރިންނާއިވެސް އެއްފަދައިން އެމަނިކުފާނަށްވެސް ފަސޭހަ ގޮތް ހިޔާރު ކުރައްވައިގެން ހުންނެވުމަށް ފުރުސަތު އޮތްއިރު، އެމަނިކުފާނުވަނީ ރައީސް އަބްދުﷲ ޔާމީންގެ ދައުރުން ފެށިގެންވެސް ކާމިޔާބު ވެފައިނުވާ މަސައްކަތްތަކަކާއި ހަވާލުވެވަޑައިގެން އެކަން ކާމިޔާބުކުރައްވާފައެވެ. އިންޑިއާ އަކީ ސިޔާސީ ގޮތުން ދައްކާ ބިރަކަށް ފަސްޖެހޭނެ ގައުމެއް ނޫންކަމަށްވުވުން މި ކާމިޔާބީގެ ސިއްރަކީ ޑިޕްލޮމެސީގެ ރިވެތި އުސޫލުތަކުގެ މަތިން މަސައްކަތްތައް އިންތިޒާމުކޮށް ކެތްތެރިކަމާއިއެކު ކުރިއަށް ގެންދިއުންކަމަށް ބެލެވެއެވެ. މަންޒަރުތަކާއި މިއަދުގެ ހެޑްލައިންތަކުން ފެންނަނީ ރާއްޖެއަށް އިންތިހާއަށް އަހައްމިއްޔަތު ދެވިފައިވާކަމެވެ.

ރައީސް މުއިއްޒު މި މަސައްކަތްތައް ކުރެއްވީ ވޯޓުން އިންތިހާބުކޮށް ރައްޔިތުން އެކަމަށް އެދެމުންދިއުމާއިއެކުކަމަށްވާއިރު، އިންތިހާއަށް ހިތިވެދާނެކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން ދެމުންދިޔަ އިންޒާރުތަކުގެ ކުރިމަތީގައިވެސް އެމަނިކުފާނުވަނީ ރައްޔިތުން އެންގި އެންގުމާއި އެއްގޮތަށް އަމަލުކުރެއްވުމުގައި ސާބިތުކަން މަތީގައި ހުންނަވާފައެވެ. އިދިކޮޅު ފަރާތްތަކުގެ އަންދާޒާ އާއި ނަތީޖާ ވަރަށްވެސް ތަފާތެވެ.

އިންޑިއާގެ މާލީ އެހީ ހުއްޓާލާނެކަމަށް ބުނެ އިންޒާރުތައް ދެމުންދިޔައިރު، އެ ގައުމުންވަނީ ބަޖެޓުގައި ހިމަނައިގެން ދެމުންދާ އެހީގެ އަދަދުތައް ކުރިއަށްވުރެ އިތުރުކޮށްފައެވެ. ލޯނު ދެއްކުމުގައި ފިއްތުންތައްވެސް ކުރިމަތިކުރާނެކަމުގެ އިންޒާރުތައް ބައެއް ފަރާތްތަކުން ދީފައިވެއެވެ. އެހެންނަމަވެސް މި ފަހުން ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހޭ ލޯނެއް ދެއްކުން ފަސްކޮށްދީފައިވާކަމަށްވުމުން މަސައްކަތްތަކުގެ މޭވާ ވަރަށްވެސް ފޮނިކަން ޔަގީނެވެ.

ހޫނު ޒުވާބުތަކުގެ ބަދަލުގައި ދެ ގައުމުގެ ދެމެދު ދެކެވެމުންދަނީ މިހާރަށްވުރެވެސް އިތުރަށް ތަރައްގީގެ މަސައްކަތްތައް ފުޅާކުރުމާއި ސަރަަހައްދީ ސަލާމަތީކަންކަން ވަރުގަދަކުރުމުގެ އިތުރުން ދެ ގައުމުގެ ދެމެދު ގުޅުންތައް ބަދަހިކުރުމުގެ ވާހަކައެެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުންދާ ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތަކަށް ބެލުމުން އެކަން ފެނިގެންދެއެވެ. އެމަނިކުފާނު ހިތްތިރިކަމާއިއެކު ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ ރާއްޖެއަށް އިހުތިރާމާއި ގަދަރު ލިބިގެންދިއުމެވެ. އަދި ކުރިއަށްވުރެވެސް ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިވެފައިވާކަމަށް ފެނިގެންދިއުމެވެ. ރަސްމިއްޔާތުގެ ތެރެއިން ބޮޑުވަޒީރު މޯދީއާއި އެންމެ ގާތުގައި އިންނެވީވެސް އެމަނިކުފާނުކަމަށްވާއިރު، ގިނަ ގައުމުތަކެއްގެ އިސްވެރިންނާއި އިއްޒަތްތެރިން ޝާމިލުވެގެން ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތަށް ވަޑައިގަންނަވާނެކަމުގެ ވާހަކަ ފަލަސުރުހީތަކުގައި ފާހަގަކުރެވުނު ހަމައެކަނި ޝަހުސިއްޔަތަކީވެސް ރައީސް މުއިއްޒުކަމަށްވުމުން މިއީ ދެ ގައުމުގެ ދެމެދު ކުރެވޭ މަސައްކަތްތައް މުޅިން އައު ހަރުފަތަކަށް އަންނާނެ ގުޅުމެއްގެ ފެށުންކަން ޔަގީނެވެ. ފެންނަމުންދަނީ އަދަށްވުރެ ފަހި މާދަމާއަކަށް އަލިވިލޭ މަންޒަރެވެ.

ކުރެއްވި އެންމެ ފުރަތަމަ މަސައްކަތްތަކަށް ބަލާއިރު، ސިފައިން ބޭލުމުގެ ބޮޑު މަސައްކަތްތައް ދައުރު ފެށިގެން 6 މަސް ދުވަސް ވެގެންދިއުމުގެ ކުރިން ނިންމާލެއްވުމަކީ އެންމެ ބޮޑު ކާމިޔާބީއެވެ. އެކަން ހާސިލުވީ ކުޅިމަޖަލާއި ކާމިޔާބު ފާޅުކުރުން ފަދަ ކަންކަމުގައި އިންތިގާލީ މަރުހަލާ ދުއްވާލުމުގެ ބަދަލުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެ މަސައްކަތްތައް ގަދައަޅައި ކުރަމުން އައިސްފައިވުމުންނެވެ. އަދި އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނަށް ދެމުންދިޔަ މުހިންމު މަސައްކަތްތައްވެސް ހުއްޓުމަކަށް އައިސްފައިނުވާއިރު ސިފައިންގެ ބަދަލުގައި އެ މަސައްކަތްތައް ކުރަމުންދަނީ ރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މުއައްޒަފުންތަކެއްކަންވެސް ފާހަގަކުރެވެއެވެ.

ރާއްޖެ އޮންނަނީ އިންޑިއާގެ ދަށުވެފައިކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތައް ހަބަރުތައް ކިޔާ މީހުންނާއި ސޯޝަލްމީޑިއާ ބޭނުންކުރާ މީހުންނަށް ފެނިފައިވާނެއެވެ. އެ ގޮތަށް ވާހަކަތައް ދެކެވޭ ސަބަބުތަކުގެ ތެރޭގައި މީގެ ކުރީގެ ރައީސުން އެންމެ ފުރަތަމަ ދަތުރުކުރައްވަމުންދިޔަ މަންޒިލަކީ އިންޑިއާއަށްވުން އިސް ދައުރެއް އަދާކުރާއިރު މިހާރު އެ އަޑުތައްވެސް ކެނޑިއްޖެއެވެ. އަދި ރައީސް މުއިއްޒުވަނީ ޗައިނާއަށް ބުރަ ނުވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންގެ އިތުރުން ބައިނަލްއަގުވާމީ ޕާޓުނަރުންނަށްވެސް ދެއްވާފައެވެ. އިންޑިއާ އާއި ޗައިނާއަށް ޒިޔާރަތްކުރެއްވުމުގެ ބަދަލުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ.

ވެރިކަން ބަދަލުވެގެން އައި ދުވަސްވަރަކީ ދިވެހިރާއްޖެ އަސްކަރީގޮތުން ބަލިކަށިކަމުގެ ވާހަކަތަކަތައް ފެންމަތިވެ ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން ބޮޑެތި ނުރައްކާތައް ކުރިމަތިވާނެކަމުގެ އިންޒާރުތައް އިވެމުންދިޔަ ދުވަސްތަކެއްކަމަށްވާއިރު ތުރުކީއަށް ކުރެއްވި ދަތުރުގެ ނަތީޖާއަށް މިއަދު ބަލާއިރު އެމަނިކުފާނުގެ ނެންގެވި ފިޔަވަޅުތަކަކީ ވިސްނުންތެރިކަމާއިއެކު ނިންމެވި ނިންމެވުންތަކެއްކަންވެސް ފެނިގެންދެއެވެ.

ތުރުކީއިން ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނައުމަށް ކަނޑައެޅިފައިވާއިރު، ރާއްޖެއަށް އެ ގައުމުގެ ފަރާތުން އަސްކަރީ ވަސީލަތްތައް ލިބި ސަލާމަތީ ގުޅުންތައްވެސް ބަދަހިވެފައިވެއެވެ. މިހާރު ރާއްޖެއަކީސް ވައިގެ ހަމަލާތަކާއި ނުރައްކާތަކުން ދިފާއުވުމުގެ ގާބިލުކަން ލިބިފައިވާ އެއަރކޯރއެއްވެސް އޮންނަ ގައުމެކެވެ. އަދި އިޖްތިމާއީ ތަަރައްގީއަށާއި އިގްތިސާދީ އެކި ކަންކަމުގައި އިގްތިސާދީ ގޮތުން އެންމެ ވަރުގަދަ އެއް ގައުމު، ޗައިނާގެ ފަރާތުން އެހީ ލިބެމުންދާއިރު އެންމެ ބޮޑު ޑިމޮކްރެސީކަމަށް ދައުވާކުރާ  އިންޑިއާއިންވެސް ވަނީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމި ހުރުމަށް ނިންމައި މާލީ އެހީތެރިކަން ހުއްޓިގެން ނުދާނެކަން ކަށަވަރުކޮށްދީފައެވެ. =އިނގިރޭސިވިލާތުންވެސް ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި އެކި ގޮތް ގޮތުން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެހީ ފޯރުވަމުންކަމަށްވުމުން މި ދައުރުގައި ރާއްޖެއަށް އަމިއްލަ އުސޫލުތަކާއި ގަބޫލުކުރާ ހަމަތަކުގެ މަތީގައި އޮތުމަށް އިންތިހާއަށް ފުރުސަތު ފަހިވާނެކަމަށްވެސް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: