ކުށުގެ ވެށީގައި އުޅޭ ކުދިން ދެނަގަނެ، އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށައި ވަކި ރަށެއް އެ މަސައްކަތަށް ކަނޑައަޅާފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންގެ އަދުލުގެ ނިޒާމު ފުރިހަމަ ކުރުމުގެ ގޮތުން، ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ އެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭތީ އެކަމުގެ މަޝްވަރާތައް ވެސް ފަށާފައިވަނިކޮށެވެ. ކުށްތަކަށް އަރައިގަންނަ ކުދިންގެ އަދަދު އިތުރުވަމުން، އަންނަ އިރު ޖިނާއީ ކުށްތަކަށް އަރައިގަންނަ މީހުން ވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ކުޑަކުދިން ބޭނުން ކުރެ އެވެ.
ކުށުގެ ވެށިގެން ފެންނަ ކުއްޖަކާއި ސުވާލު ނުކުރެވުމާއި، ގާނޫނު އޮތް ގޮތުގެ ސަބަބުން އެ އަމުރުގައި ކުށަކަށް އަރައިގަނެފައި ހުރެ އުމުރުން ކިތަންމެ ގިނަ ދުވަހެއްވީ ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ބަލަން ޖެހެނީ އެއީ ކުޑަކުއްޖެއް ކަމަށެވެ.
އިސްލާހުތަކާއި އެކު، ދެން އެކުލަވާލަން ޖެހޭ ހަރުދަނާ އުސޫލުތައް ފާހަގަކުރައްވައި ހޯމް ސެކްޓާގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ގާނޫނަށް ބަދަލު ގެނައުމުގެ ބޭނުމަކީ ކުޑަކުދިންނަށް އަދަބުދީ ޖަލުގައި ބަންދު ކުރުމެއް ނޫން ކަމަށެވެ.
މީގެ ބޭނުމަކީ 12 އަހަރުން ފެށިގެން ކުށުގެ ވެށީފައި އުޅޭ.. ކުށުގެ ވެއްޓަށް ހުށަހެޅިދާނެކަމަށް ފެންނަ ކުދިން އަދި ދޭތެރެ ދޭތެރެއިން ހައްޔަރު ކުރެވި، އަދި ކުށުގެ ވެށިގެން ގެނެވި، އެ ކުދިންގެ ތެރޭގައި ބައެއް ފަހަރު 15 އަހަރުގެ ކުދިން އެބަތިބި ޖިނާއީ، ކުށުގެ ދައުވާ ވެސް ކުރެވިފައި.. މިފަދަ ކުދިން ކުށުގެ ވެށިން ނަގައި އެ ކުދިން ރިހެބިލިޓޭޓުކޮށް.. އެ ކުދިންނަކީ ފައިދާ ހުރި، ރަނގަޅު ބޭނުންތެރި ކުދިންތަކެއްގެ ގޮތުގައި އަނބުރާ މުޖްތަމައަށް ގެނައުމަށް ކުރެވޭ މަސައްކަތަކަށް، ގާނޫނީ ބާރު ހޯދުމަށްޓަކައި ކުރެވޭކަމެއް.. 12 އަހަރަށް އުމުރުފުރާ ތިރި ކުރުން އެއީ
ކުށުގެ ވެއްޓަށް ހުށަހެޅިފައި ތިބި ކުދިން ރަނގަޅު ގޮތުގައި މުޖްތަމައަށް ނެރުމަށްޓަކާ މަސައްކަތް ފެށުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެނައުމާއި އެކު ނިޒާމެއްގެ ތެރެއިން އެ ކުދިންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ބާރު ލިބިގެންދާނެކަމަށް އިހުސާން ވިދާޅުވި އެވެ.
އެކަން ކުރުމަށްޓަކައި ވަކި ރަށެއް ކަނޑައެޅި، ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށްޓަކައި މަސައްކަތް ފެށިގެންދާނެކަމަށް އިހުސާން ވިދާޅުވި އެވެ. މި ޕްރޮގްރާމްގެ ތެރެއިން އިހުސާން ވިދާޅުވި ގޮތުން އެ ކުދިންނަށް ރަސްމީ ތައުލީމާއި ދީނީ ތައުލީމު އުނގަންނައިދެވޭނެ އެވެ.
މީގެއިތުރުން ސައިކޯސޯޝަލް ސަޕޯޓާއި، ކުޅިވަރާއި ގުޅުން ހުރި ގިނަ ޕްރޮގްރާމްތައް ހިންގާނެކަމަށް އިހުސާން ވިދާޅުވި އެވެ.
މީގެ ނަތީޖާއަކީ ކުށުގެ ވެށީގައި އުޅެމުންދާ ކުދިންނަށް ރަނގަޅު މާހައުލެއް ލިބި، އެ ކުދިންގެ ހަޔާތަށް އައު އުންމީދެއް ލިބިގެން ދިއުން..
ރަށުގައި ހިންގާ ޕްރޮގްރާމްތައް ކުއްޖާގެ އުމުރުން 18 އަހަރުވުމާއި ހަމައަށް ކުރިޔަށް ގެންގޮސް ސިފައިންނާއި ފުލުހުންގެ ހިދުމަތާއި ގުޅެން ބޭނުންވާ ކުދިންނަށް އެ ފުރުސަތުގެ ދަށުން މުވައްސަސާއަށް ނަގައި ތަމްރީނުތައް ފެށިގެންދާނެކަމަށް އިހުސާން ވިދާޅުވި އެވެ.
މީގެއިތުރުން ކުރިޔަށް ދާން ބޭނުންވާ ރޮނގަކުން ކުރިޔަށް ދިއުމަށްޓަކައި ބޭނުންވާ އެހީތައް ވެސް ފޯރުކޮށްދޭނެކަމަށް އިހުސާން ވަނީ ފާހަގަކުރައްވާފަ އެވެ.

