ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުތަކާ ޗެލެންޖު ކުރުމުގެ ނިޔަތެއް ނެތް، ރައްޔިތުންނަށް ދިނީ މައުލޫމާތުތަކެއް: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން/ ފޮޓޯޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނާއި ގުޅުން ހުރި ބޮޑު މައްސަލައެއްގައި، ކުށެއް ސާބިތުނުވެ ދިއުމުން އެ މައުލޫމާތުތައް ހާމަކުރަން ޖެހޭކަމަށް ގަބޫލު ކުރައްވާކަމަށާއި މަސްތުވާތަކެތީގެ މައްސަލައިގެ މައުލޫމާތުތައް އާންމު ކުރީ ކޯޓުގެ ހިންގުމުގެ ތެރެއަށް ވަނުމުގެ ނިޔަތުގައި ނޫންކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލައިގައި ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ފުލުހުންގެ އިސްވެރިންނާއި އިހުސާން ހިމެނޭހެން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މުޅި ކޭސްގެ ތަފްސީލުތައް ހާމަކޮށްފަ އެވެ.

މިނިސްޓަރ އިހުސާންގެ އިރުޝާދުގެ ދަށުން ކުރިޔަށް ގެންދިޔަ އެ ބައްދަލުވުމުގައި ފުލުހުން ވަނީ މައްސަލައިގެ ބައެއް ހެކިތައް ސީސީޓީވީ ފުލް ފުޓޭޖު ހިމެނޭހެން އާންމުކޮށްފަ އެވެ. އެ ފުޓޭޖުތަކުގައި ކުށުގެ ތުހުމަތު ކުރި މީހުން މަސްތުވާތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ވެހިކަލްތަކުގައި ދަތުރު ކުރި ގޮތާއި އެ މީހުންގެ މޫވްމަންޓުގައް ހިމެނޭ ވީޑިއޯ ހިމެނެ އެވެ.

ޕްރެޒެންޓޭޝަނެއްގެ ސިފައިގައި އެ މައުލޫމާތުތައް ފުލުހުން އާންމުކޮށް ބުނީ، ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިކަމަށެވެ. އެކަމަކު އޭގެ ދުވަސްތަކެއް ފަހުން ކްރިމިނަލް ކޯޓުން ވަނީ ނޫސްވެރިންނަށް މެސެޖެއް ފޮނުވުމަށް ފަހު މިނިސްޓަރ އިހުސާނާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރ އަހުމަދު ވަހީދާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މަމްދޫހު ހަސަން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް ކޯޓުގެ ހުރުމަތް ކެންޑި މައްސަލައިގައި ފަނޑިޔާރުންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ތާވަލު ކުރިކަން ހާމަކޮށްފަ އެވެ

އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް އިހުސާން ވިދާޅުވީ ރާއްޖޭގެ ކޯޓުތަކާއި މިނިސްޓްރީއާއި އޮންނަ ގުޅުން ރަނގަޅުކަމަށާއި މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ކޯޓުތަކާއި ގުޅިގެން ކަމަށެވެ. އަދި ކޯޓުތަކާއި ޗެލެންޖު ކުރުމަށް އެއްވެސްކަމެއް ނުކުރާކަމަށާއި، ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލާފައި ނުވާނެކަމަށް އިހުސާން ވިދާޅުވި އެވެ.

އެ މައުލޫމާތުތައް އަޅުގަނޑުމެން ހިއްސާ ކުރީ އެއްވެސް ހާލަތެއްގައި ކޯޓާ ޗެލެންޖު ކުރާކަށެއް ނޫން. ފުލުހުން ދުވަހަކު ވެސް ކޯޓަކާ ޗެލެންޖެއް ނުކުރާނެ.. އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން ވެސް އެގޮތަށް ނުކުރާނެ..

ރައްޔިތުންގެ ކަންބޮޑުވުން ހިމެނޭ މައްސަލައެއްގައި، ސާބިތުނުވެ ދިއުމުން އެ މައުލޫމާތުތައް ހިއްސާ ކުރެވެން ޖެހޭކަމަށް ގަބޫލު ކުރެވޭކަމަށް އިހުސާން ވިދާޅުވި އެވެ. އެކަމަކު ކޯޓުން ކުރާ ހުކުމަކަށް ޗެލެންޖެއް ނުކުރާނެކަމަށާއި، އެ މައުލޫމާތުތައް އާންމު ކުރުމުގެ މަސައްކަތް ފެށީ ވެސް ކޯޓުތަކުގެ ހިންގުމުގެ ތެރެއަށް ވަނުމުގެ ނިޔަތުގައި ނޫންކަމަށް އިހުސާން ވިދާޅުވި އެވެ.

ކޯޓުތަކަށް ދޭން ޖެހޭ އެއްބާރުލުން ދޭނެކަމަށް ފާހަގަކުރައްވައި، އިހުސާން ވިދާޅުވީ މަތީ މަރުހަލާގެ އިސްތިއުނާފުގައި އައު ހެއްކެއް ހުށައަޅައި އެއަށް ބަހުސެއް ނުކުރާނެކަމަށާއި އެހެންކަމުން ކޯޓަށް ހުށަހެޅި ހެކީގެ ވާހަކައެއް އާންމުކޮށްގެން އޭގެ އަސަރު ހައިކޯޓުގައި ކުރާނެކަމަށް ނުބެލެވޭކަމަށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އިހުސާނައި، ފުލުހުން ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ތުހުމަތުކޮށްފަ އެވެ.

އިހުސާން މީގެ ކުރިން ވިދާޅުވީ، ބޮޑެތި ގިނަ މައްސަލަތައް ސާބިތުނުވެ ބޭރުވެގެން ދަނީ ބޭނުންވާ މިންވަރަށް ހެކިތައް ހުށަހަޅާފައިވަނިކޮށް ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި އެގޮތަށް ނިމޭ މައްސަލަތަކުގެ މައުލޫމާތުތައް އާންމު ކުރަމުންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: