ށ. ފުނަދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑި އިންތިޚާބަކާ ނުލައި ޕީއެންސިގެ ކެންޑިޑޭޓް ށ. ފުނަދޫ މާބަގީޗާގެ އާމިނަތު ޔުމްނާއަށް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރައްވާފައިވާ ގޮތުން އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހު ބާއްވަން ތާވަލު ކުރި ބައި އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލި ފުރުޞަތުގައި ކުރިމަތިލާފާއިވަނީ އެންމެ ކެންޑިޑޭޓެއް ކަމަށާއި އެއީ ކޮންގްރެސް ޕާޓީން ކުރިމަތިލެއްވި އާމިނަތު ޔުމްނާކަމަށް އީސީއިން ވަނީ އިޢުލާންކޮށްފައެވެ.
މުއްދަތު ހަމަވިއިރު ބައި އިލެކްޝަން ބޭއްވުމަށް ބޭނުންވާ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ އިންތިޚާބަކާއި ނުލައި ފުނަދޫ ކައުންސިލްގެ އަންހެން މެންބަރަކަށް ޔުމްނާ އިންތިޚާބުވެފައިވާ ކަމަށް އެކޮމިޝަންގެ އިޢުލާންގައި ބުނެފައިވެއެވެ.
ށ. ފުނަދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންhttps://t.co/onWBGGKXMh
— Elections Commission (@ElectionsMv) May 12, 2024
އެންމެ ފަހުން ކުރިއަށްދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވާއިރު، މިފަހުން ބޭއްވިފައިވާ ގިނަ ކައުންސިލްތަކުގެ ބައި އިލެކްޝަންސްތަކުގައިވެސް އެޕާޓީއިން އަންނަނީ ގިނަ ގޮނޑިތަކެއް ކާމިޔާބުކުރަމުންކަމަށް ފާހަގަކޮށްލެވެއެވެ.

