ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝޭހު މުހައްމަދު ބިން އަބްދުއްރަހްމާން އަލްސާނީ އާއި ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން، ގަތަރުގެ ފޮރިން މިނިސްޓަރު ޝޭހު އަލްސާނީއާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރުވަނީ ދިވެހިރާއްޖެއަށް އަންނަމުންދާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި އެމަނިކުފާނުގެވަނީ ގަތަރުން ރާއްޖޭގެ އިޖްތިމާއީ ކަންކަމާއި އިގްތިސާދީ ކަންކަމުގައި ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިކަމަށްވެސް ހިއްސާކޮށްފައިވެއެވެ.
އެ މިނިސްޓްރީއިން ބުނެފައިވާގޮތުން ދެ ފަރތުންވެސް ވަނީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދައްކަވާފައިކަމަށެވެ. އަދި ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި މެދުވެރިއެއްގެ ހައިސިއްޔަތުން އެ ގައުމުން ކުރަމުންދާ މަސައްކަތްތައް ރާއްޖައިން ބަލައިގަންނަކަން މިނިސްޓަރު ޒަމީރުވަނީ ހާމަކުރައްވާފައިކަމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގުއުމު ގުޅިގެން ކުރިމަތިވެގެން އަންނަ މައްސަލަތަކުގައި މަސައްކަތްކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.
ފޮރިން މިނިސްޓަރު ޒަމީރު އާއިއެކު ސެކެޓްރީ، ބައިލެޓަރަލް ހާލާ ހަމީދު އާއި އެމްބެސަޑަރ އެޓްލާޖް ޑރ ފަޒީލް އަދި އެސިސްޓަންޓް ޑިރެކްޓަރު ލަމްހާ ސަލީމްވެސް އެ ގައުމުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

