ތިލަފުށި ފޭސް 2 އޭރިއާ ބީ ގެ ބިން ހިއްކުމާއި އަތިރިމަތި ރައްކާތެރިކުރުމުގެ ފްރޮޖެކްޓުގެ 29 އިންސައްތަ ފުރިހަމަވެފައި ވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންބުނެފިއެވެ.
އެޗްޑީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބިންގަންނަން އާއްމުކޮށްފައިވާ އުސޫލުތަކުގެ ދަށުން ފައިސާ ދައްކަން އަންގާފައިވާ ތާވަލާއި އެއްގޮތަށް “ މައިލްސްޓޯން“ 1 ފުރިހަމަވެފައިވުމުން މި މަޝްރޫއިން ބިން ގަނެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ފަރާތްތަކާއި ގުޅައިގެން ”މައިލްސްޓޯން“ 1 ގެ ފައިސާ ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ.
ތިލަފުށި ފޭސް 2 އިން ސިނާއި ބޭނުމަށް ބީލަމުގެ އުސޫލުން ބިންގަތުމުގެ ފުރުސަތު ހުޅުވާލީ މިއަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުއެވެ. ވިޔަފާރީގެ އެކި އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކާއިރު، އޭގެ ތެރޭގައި ހިމެނެނީ 2،500-4،999 އަކަފޫޓުގެ 64 ޕްލޮޓް، 5،000-9،999 އަކަފޫޓުގެ 42 ޕްލޮޓާއި 10،000-14،999 އަކަފޫޓުގެ ދެ ޕްލޮޓު ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މީގެއިތުރުން ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިއަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރެ އެވެ.

