ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އޮންލައިންކޮށް ”އޭންޓް ކިޔޫ“ އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދު ނިންމަވައިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މީގެ ކުރިން ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އަންނަ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަކަށް އިމިގްރޭޝަނަށް ހާޒިރުވެ އެފަރާތެއްގެ ނަންބަރު ޖެހެންދެން އިމިގްރޭޝަންގައި މަޑުކުރަން ޖެހޭކަމަށެވެ. އަދި މިއީ މި ހިދުމަތް ހޯއްދަވާ ފަރާތްތަކުގެ ޝަކުވާ ލިބެމުން އައި ކަމަކަށް ވުމުން މިކަމަށް ހައްލެއް ހޯދުމަށްޓަކައި ޒަމާނާއި އެއްގޮތަށް މި ހިދުމަތް އޮންލައިންކޮށް މިހާރު ކަނޑައެޅިފައިވާ ގަޑީގައި ”އޭންޓް ކިޔޫ“ މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް އޮންލައިންކޮށް ނަންބަރު ނެގޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
”އޭންޓް ކިޔޫ“ މެދުވެރިކޮށް ކިއުގެ ހިދުމަތް ދެމުންދާ ތަރުތީބު ވަގުތުން ބަލާލެވޭނެ ކަމަށާއި މިއީ ހިދުމަތް ހޯއްދަވާ ފަރާތްތަކުގެ ވަގުތު ސަލާމަތްވެ ހިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމެއްކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ނެގުމަށްޓަކައި ”އޭންޓް ކިޔޫ“ އެޕްލިކޭޝަން މެދުވެރިކޮށް ފަހެއް ނުވަތަ އެއަށްވުރެ މަދު ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ހެނދުނު 9:00 އިން 10:30 އާއި ދެމެދު ނަންބަރު ނެގޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި މި ނަންބަރު ތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށެވެ.
ހައެއް ނުވަތަ އެއަށްވުރެ ގިނަ ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނެގުމަށް ހަމަޖެހިފައިވަނީ މެންދުރު 11:30 އިން 12:30 އާއި ދެމެދުގައެވެ. އަދި މި ނަންބަރު ތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރު 1:15 އިން 03:00 އަށެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ ނަންބަރު ނެގުމަށްޓަކައި ސަބްމިޝަން ރިސިޓްގައި ހިމެނޭ ޕީ.ޕީ.އެޗް ނަންބަރ އަދި ބޮކްސް ނަންބަރު ޖެހުމަށްފަހު ސަބްމިޝަން ރިސިޓް އަޕްލޯޑް ކޮށްލުމުން ނަންބަރު ނެގޭނެ ކަމަށެވެ. އަދި އެއް ޕީ.ޕީ.އެޗް ނަންބަރު ނުވަތަ އެއް ބޮކްސް ނަންބަރަށް ވުރެ ގިނައިން ވެސް އެ ބައިގައި ޖެހޭނެކަމަށް ވަނީ މައުލޫމާތު ދީފައެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ވީހާވެސް އަވަސް ލުއިފަސޭހަ ހިދުމަތްތަކެއް ހޯދޭނެ މަގު ފަހިކޮށްދީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.

