ރާއްޖޭގެ އިންޓަރނެޓު ބޭނުންކުރާ ފަރާތްތަކަށް އެ މާހައުލުގެ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ހާއްސަ އެޖެންސީއެއް އުފެއްދުމަށް ކަނޑައެޅިފައިވާކަމަށް ހޯމްލޭންޑް މިނިސްޓްރީއިން ބުނެފިއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް އިންޓަރނެޓު މެދުވެރިކޮށް ހިންގާ ކުށުގެ އަދަދުތައް މައްޗަށް އަރިގެންގޮސްފައިވާއިރު ޝިކާރައަކަށް ވެގެންދާ ފަރާތްތަކުގެ އަތުން ގެއްލިގެންދާ އަދަދުތައްވެސް ބޮޑުވަމުންދާކަން ސޯޝަލްމީޑިއާގައި އެކި ފަރާތްތައް ހިއްސާކުރަމުންދާ މައުލުމާތަށް ބެލުމުންނާއި ފުލުހުންގެ މުއައްސަސާއިން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބެލުމުން ފެނިގެންދެއެވެ. އަދި މިފަދަ މައްސަލަތަކުގެ ތެރެއިން ގެއްލިގެންދާ ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދިފައިނުވާކަންވެސް ފާހަގަކުރެވެއެވެ.
މިފަދަ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި އާންމުން ސޯޝަލްމީޑިއާގައި ޕޯސްޓުތައް ކުރަމުންދާއިރު، ހޯމްލޭންޑް މިނިސްޓްރީއިންވަނީ އެ މަސައްކްތްތައް ހައްލުކުރުމުގެ ގޮތުން އިންތިޒާމުތައް ހަމަޖެހިގެންދާނެކަމުގެ އުންމީދު ދީފައެވެ. އެ މިނިސްޓްރީއިން އެކްސްގައި ހިއްސާކުރިގޮތުން އިންޓަރނެޓު ބޭނުންކުރާ ފަރާތްތަކާއި އެ މާހައުލުގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ މިނިސްޓްރީއިންވަނީ ސައިބަރ ސެކިއުރިޓީ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި ޑްރާފްޓުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިކަމަށެވެ.
މިނިސްޓްރީއިން ބުނެފައިވާގޮތުން އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިނިސްޓްރީއިންވަނީ އިތުރު މަސައްކަތްތަކެއްވެސް ކުރެވިގެންދާނެކަން އިއުލާނުކޮށްފައެވެ، އެގޮތުން ސައިބަރ ވެށީގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ކުރުމަށް ހާއްސަ ސައިބަރ ސެކިއުރިޓީ އެޖެންސީއެއް އުފައްދާނެކަމަށް ހިއްސާކޮށްފައިވެއެވެ.
ރާއްޖޭގެ އިންޓަރނެޓު ބޭނުންކުރުމުގެ ރައްކައުތެރިކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އިތުރު ގިނަ މަސައްކަތްކެއް ކަނޑައެޅިފައިވާކަމުގެ މައްޗަށް މިނިސްޓްރީއިން އަލިއެޅުވިއިރު، ރައީސް ޑރ މުހައްމަދު މުއިއްުޒުވަނީ މި މަސައްކަތްތަކަށް ފަހިކުރެއްވުމުގެ ގޮތުން މި އަހަރުގެ މާޗު މަހުގެ ތެރޭގައި ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އިހުތިޔާރުގެ ދަށުން ”ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ“ގެ ނަމުގައި އިދާރާއެއް އުފައްދަވައި އެކަން އިއުލާނުކުރައްވާފައެވެ. ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ޓެކްނޮލޮޖީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ތަނެކެވެ.

