ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މައިލްސްޓޯން 1 ފުރިހަމަވެއްޖެ ކަމަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމާއި ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ނިމި، ތަރައްގީކުރުމުގެ ފިޔަވަހިތަކުގެ ތެރެއިން ފުރަތަމަ މައިލްސްޓޯން ފުރިހަމަވެފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެެ.
ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު ސިނާއީ މަސައްކަތްތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ބިން ވިއްކުމަށް ވަނީ ހުޅުވާލާފައެވެ. މިގޮތުން ތިލަފުށިން ބިން ގަނެފައިވާ ފަރާތްތަކާ އެކު ހެދިފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައި ވަނީ ބިން ހިއްކުމުގެ މަޝްރޫއު ފިޔަވަހިތަކަށް ބަހާލައި ފުރިހަމަވާ ނިސްބަތަކުން އެ ބިންތަކުގެ ފައިސާ ދައްކާ ހަމަކުރާ ގޮތަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެހެންކަމުން މަސައްކަތް ކުރިއަށް ދާ ނިސްބަތާއި ކަނޑައެޅިފައިވާ މައިލްސްޓޯން ފުރިހަމަވާ މިންވަރު ބިން ގަނެފައިވާ ފަރާތްތަކަށް މިއެޗްޑީސީން އަންގަމުން ދާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އެޗްޑީސީން މަސައްކަތް ކުރަނީ ކަނޑައެޅިފައިވާ ޕްލޭންއާ އެއްގޮތަށް ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ މަސައްކަތް ނިންމައި ތަނުގެ ބޭނުން ކުރެވޭނެ ފުރުސަތު ވީހާވެސް އަވަހަކަށް ހުޅުވާލުމަށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވިއެވެ.

