ދިވެހިރާއްޖޭގައި އެކި މަޝްރޫއުތައް ހިންގުމަށް ކަނޑައެޅިފައިވާ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރިކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސްއިން ހިއްސާކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރލީ ޑެޓް ބުލެޓިންގައި ބުނެފައިވާގޮތުން ފުރަތަމަ ކުއާޓާރ ނިމިގެންދިޔައިރު ދިވެހިރާއްޖެއިން ނަގާފައިވާ ޖުމުލަ ދަރަނީގެ އަދަދުތައްވަނީ 38.1 ބިލިއަނަށް އަރާފައިކަމަށެވެ. އަދި އެ މިނިސްޓްރީންވަނީ ލޯނުގެ ގޮތުގައި ނަގާފައިވާ ފައިސާގެ ގޮތުގައި ލިބެން ޖެހޭ ބޮޑު އަދަދެއް ނުލިބި ހުރިކަންވެސް ހިއްސާކޮށްފައެވެ. އަދި އެ މިނިސްޓްރީއިންވަނީ ފައިސާ ދޫނުކޮށް ތިބި ފަރާތްތަކާއި އަދަދުތައް ހިއްސާކޮށްފައިކަމަށްވާއިރު، ކްރެޑިޓަރުންގެ ތެރޭގައި ރާއްޖޭގައި މުހިންމު ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ގޮތުން ފައިސާ ނަގާފައިވާ އިންޑިއާގެ އެގްޒިމް ބެންކު ފަދަ ތަންތަން ހިމެނޭކަންވެސް އެ މިނިސްޓްރީއިންވަނީ ހިއްސާކޮށްފައެވެ.
ފިނޭންސްއިން ބުނެފައިވާގޮތުން ރާއްޖޭގައި މިވަގުތު ހިންގަމުންދާ އެންމެ ބޮޑު އެއް ތަރައްގީގެ މަޝްރޫޢުކަމަށްވާ ތިލަމާލެ ބުރިޖު ފަދަ މަސައްކަތްތައް ކުރުމަށް ފައިސާ ނަގާފައިވާ ބެންކެއްކަމަށްވާ އިންޑިއާގެ އެގްޒިމް ބެންކްއިން ނުލިބި ހުރި ފައިސާގެ ގޮތުގައި 15.71 ބިލިއަން ރުފިޔާ މި އަހަރުގެ އެއްވަނަ ކުއާޓާ ނިމުނުއިރު ހުރިކަމަށާއި ދާދި ފަހުން ހުޅުމާލެ ޑިވެލޮޕްމެންޓު ޕްރޮޖެކްޓުގެ ނަމުގައި ރާއްޖޭގެ ސަރުކާރާއިއެކު އެއްބަސްވުމެއް ސޮއިކޮށްފައިވާ ސައުދީ ޑިވެލޮޕްމެންޓު ފަންޑުންވެސް ދޫނުކޮށް ހުރި 1.6 ބިލިއަން ހުރިކަމަށް އާންމުކޮށްފައިވެއެވެ.
ރާއްޖޭގައި މާލީ އެތައް މަސައްކަތައް ހަރުދަނާކުރުން ފަދަ މަސައްކަތްތައް ކުރަމުންދާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓު އެސޯސިއޭޝަންގެ ފަރާތުންވެސް 1.2 ބިލިއަން ލިބެން ހުރިކަމަށް ހިއްސާކޮށްފައިވާއިރު، ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގުމަށްޓަކައި ފައިނޭންސްކޮށް މާލީ މަސައްކަތްތައް ތަރުތީބު ކުރުމުގައި އިރުޝާދު ދެމުންދާ ބެންކެއްކަމަށްވާ އޭޝިއަން ޑިވެލޮޕްމެންޓު ބެންކުގެ ފަރާތުން 908.5 މިލިއަން ރުފިޔާ ނުލިބިހުރިކަން ހާމަކޮށްފައިވެއެވެ.
ފިނޭންސްއިން ބުނެފައިވާއިރު ގްރޭޓާރ މާލެ ވޭސްޓް ޓު އެނާރޖީ ޕްރޮޖެކްޓު ފަދަ މަޝްރޫއުތަކަށް ފަންޑުކޮށްފައިވާ ބެންކެއްކަމަށްވާ އޭޝިއަން އިންފްރާސްޓްރަކްޗާ ބެންކުގެ ފަރާތުންވެސް ލިބެން ޖެހޭ 853.9 މިލިއަން ހުރިކަމަށާއި ރާއްޖޭގެ ރަށްތައް ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި އެކި ސަރަހައްދުތަކުގައި ހޮސްޕިޓަލްތައް ގާއިމުކުރުމުގެ މަސައްކަތްތައް ފަދަ ކަންކަމުގައި އެކުގައި ހަރަކާތްތެރިވެފައިވާ ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ 723.2 މިލިއަން ރުފިޔާވެސް ނުލިބޭކަން ހިއްސާކޮށްފައިވެއެވެ.
ގުޅިފަޅު ހިއްކުމުގެ މަސައްކަތްތައް ފަދަ ކަންކަމުގައި ދިވެހިރާއްޖެއަށް ވާގިވެރިވާ ދަޗު ބެންކެއްކަމަށްވާ އޭބީއެން އެމްރޯގެ ފަރާތުންވެސް 721.6 މިލިއަން ނުލިބި ހުރިކަން އެ މިނިސްޓްރީއިން ހާމަކުރިއިރު، އަބޫދާބީ ފަންޑުގެ ފަރާތުން 683.2 އަދި އެހެނިހެން ފަރާތްތަކުން ލިބެން ޖެހޭ 1.82 ބިލިއަންވެސް ނުލިބިހުރިކަމަށް ހިއްސާކޮށްފައިވާއިރު، މި ހުރިހާ ފައިސާއެއްގެ ޖުމުލަ 24.2 ބިލިއަނަށް އަރާކަމަށްވެސް ފާޙަގަކޮށްފައިވެއެވެ.

