މޭ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާ އާމްދަނީއަށްވުރެ ސަރުކާރުގެ ހަރަދުތައް ބޮޑުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން މައުލޫމާތު ދީފައިވާގޮތުން ސަރުކާރުންވަނީ މި އަހަރު މޭ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރުމަށް ކަނޑައެޅިފައިވާ ބަޖެޓުގެ 31.74 އިންސައްތަ ހޭދަކޮށްފައެވެ. އެގޮތުން އެ ދުވަހުގެ ނިޔަލަށް 14.99 ބިލިއަންގެ ހަރަދެއް ކޮށްފައިވާކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި ހިސާބަށް ކުރި ހަރަދުތަކަށްވުރެ ކުޑަ އަދަދެއްކަންވެސް ފިނޭންސްގެ ތަފާސް ހިސާބުން ފެނެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ މޭ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 17.21 ބިލިއަންގެ ހަރަދެއް ކޮށްފައިވާކަމަށް ރިޕޯޓުގައިވެއެވެ.
ފިނޭންސްގެ މައުލޫމާތުގައިވާގޮތުން މި އަހަރުގައި ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ އިތުރުކަން ފާހަގަކުރެވެއެވެ. އެގޮތުން 2023 ވަނަ އަހަރު މޭ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ލިބުނީ 12.68 ބިލިއަންކަމަށާއި މި އަހަރު މި މުއްދަތުގައި 13.19 ބިލިއަން ލިބިފައިވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ. އެހެންކަމުން މި އަހަރުގެ މު މުއްދަތުގެ ތެރޭގައި ލިބިފައިވާ އާމްދަނީއަށްވުރެ ސަރުކާރުގެ ހަރަދުތައް ބޮޑުކަންވެސް ފެނިގެންދެއެވެ.
ޖުމުލަ ހަރަދުތައް ހުރީ 14.99 ބިލިއަނުގައިކަމަށްވާއިރު، މި އަދަދުން ރިކަރެންޓް އެކްސްޕެންޑިޗާރގެ ގޮތުގައި 11.85 ބިލިއަން އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.13 ބިލިއަން ހޭދަކޮށްފައިވާކަމަށް ބުނެފައިވާއިރު، ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރުގެ ރިކަރެންޓް ހަރަދުތައްވަނީ މި މުއްދަތުގެ ތެރޭގައި އިތުރުވެފައެވެ. މިދިޔަ އަހަރު މޭ 16 ވަނަ ދުވަހުގެ ނިޔަލަށް ރިކަރެންޓް ހަރަދުގެ ގޮތުގައި ޝާއިއުކޮށްފައިވަނީ 11.58 ބިލިއަންކަމަށް ބުނެފައިވާއިރު، ރިކަރެންޓް ހަރަދުގެ އިތުރުވެފައިވަނީ މުސާރައާއި އިނާޔަތްތައް ދިނުމުގެ ހޭދަ މި އަހަރުގެ ތެރޭގައި އިތުރުވުމުންކަން މައުލޫމާތުތަކަށް ބެލުމުން ސާފުވެއެވެ.
މި އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، 13.19 ބިލިއަނުން ޓެކްސް ފައިސާގެ ގޮތުގައި ލިބިފައިވަނީ 10.9 ބިލިއަންކަމަށާއި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބިފައިވާ އާމްދަނީއަކީ 2.19 ބިލިއަންކަމަށްވެސް މައުލޫމާތު ދީފައިވާއިރު، މި އަހަރު ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބިފައިވާ އާމްދަނީ 2023 ވަނަ އަހަރާއި އަޅާ ބަލާއިރު ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.93 ބިލިއަން ލިބިފައިވެއެވެ.
ޕީއެސްއައިޕީގެ ގޮތުގައި ކުރާ ހަރަދުތައްވަނީ މި އަހަރު ފާހަގަކުރެވޭ މިންގަނޑަކަށް ދަށްވެފައެވެ. މިދިޔަ އަހަރުގެ ތެރޭގައި 4.5 ބިލިއަން މި މަސައްކަތްތަކަށް ހަރަދުކޮށްފައިވާއިރު މި އަހަރުގެ މޭ 16 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުކޮށްފައިވަނީ 1.84 ބިލިއަންކަމަށް ފިނޭންސްއިން މައުލޫމާތު ދީފައިވެއެވެ. އެހެންކަމުން މި އަހަރުގެ ޖުމުލަކޮށް ހުރިހާ ދާއިރާއަކަށްވެސް މިގޮތުގެ މަތިން ކުރެވޭ ހަރަދުތައް ކުޑަކަމަށްވާއިރު، މިވަގުތު ކުރިމަތިވެފައިވާ ބޮޑު މައްސަލަތަކެއްކަމަށްވާ ކޯޓުތަކުގެ ދަތިކަން އަދި ކުނިބުނީގެ ސަބަބުން ދިމާވާ ދަތިކަން ހައްލުކުރުމުގެ ގޮތުން ކުރެވިގެން އަންނަ މަސައްކަތްތަކަށް މިދިޔަ އަހަރާއި އަޅާ ބަލާއިރު ކޮށްފައިވާ ހަރަދުތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު 6.6 ބިލިއަން ކޯޓު އިމާރާތްތައް އެޅުމަށް ހޭދަކުރިއިރު މި އަހަރު މޭ 16ގެ ނިޔަލަށް ސަރުކާރުންވަނީ 18.6 މިލިއަންގެ ހަރަދެއްކޮށްފައެވެ. މިއީ ގާތް ގަނޑަކަށް 2.8 ގުނަ އިތުރު މިންވަރެކެވެ.

