މިފެށުނު ދިރާސީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި އެންމެހާ ދަރިވަރުންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއި، ސްކޫލްތަކުގެ ހިންގުންތެރިންނާއި އެންމެހައި މުއައްޒަފުންނަށް އަރިސްކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފޮނުއްވައިފިއެވެ.
ޝާހިދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފައިވާއިރު ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ގެންދިޔުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ނިންމާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން މިމަހު 23 ގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ގެ ދިރާސީ އައު އަހަރުގެ ކިޔަވައިދުނުން ފެށުމަށް ހަމަޖެހިފައިވާނީ މިއަހަރުގެ 26 މޭމަހުގެ އާދިއްތަ ދުވަހު ކަމަށެވެ.
އެހެންނަަމަވެސް މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރު ފަތުރުކުރުމަށް ބުރޫއަރާފައިވާ ދުވަސްވަރަކަށް ވުމުން ކުރިމަތިވެފައިވާ އުނދަގޫ މޫސުމީ ހާލަތަށް ރިއާޔަތްކޮށް ދަރިވަރުންނަށް ފިލާވަޅުތައް ގެއްލޭ މިންވަރު ކުޑަކުރުމަށް އިންތިޒާމް ކުރައްވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން 26، 27 އަދި 28 މިތިންދުވަހު ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން ކޮންމެ ދަންފަޅިއެއްވެސް 2 ގަޑިިއިރާއި 3 ގަޑިއިރާ ދެމެދަށް ފައްތައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ދުވަސްތަކުގައި ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އިހްތިރާމުކުރުމުގެ މަތިވެރި އާދަ އަށަގެންނެވުމާއި ދަރިވަރުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އިސްކަންދިނުމާއި ހަނގާކުރުމާ ދެކޮޅަށް އަމާޒު ކުރެވިގެން ހިންގާ ހާއްސަ ޕްރޮގްރާމްތަކެއް ސްކޫލް ފެންވަރުގައި ރާވާ ހިންގަވާނެ ކަމަށް ވަނީ ބުނެފައެވެ.

