ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްގޮންޖެހުމަކީ ފެންވަރު ރަނގަޅު މުދައްރިސުން ދާއިރާގައި މަދުވުމުގެ މައްސަލަ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން މިނިސްޓަރ ޝަފީއު ދެއްވި ހިތާބުގައި ވިދާޅުވީ ދިރާސީ އައު އަހަރާއި ބައްދަލުކުރާއިރު ދިވެހިރާއްޖޭގެ ރަސްމީ ތައުލީމީ ނިޒާމުގެ ހިންގުން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި އިސްތިރާޖީ ހެޔޮބަދަލުތަކެއް ގެނައުމުގެ އުންމީދީ ގިނަގުނަ މަސައްކަތް ރާވައި އޭގެތެރެއިން ބައެއް ކަންކަން މިހާރު ތަންފީޒު ކުރައްވަން ފައްޓަވައިފައިވާ ކަމަށެވެ. އަދި ދެން އިތުރަށް ތަންފީޒު ކުރަން ހުރި މަސައްކަތް ކުރިއަށް ގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”މި ދިވެހި އިސްލާމީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ރައްކާތެރިވާ، އިސްލާމް ދީން ދެކެ ލޯބިވާ، ދިވެހި ގައުމާއި މެދު ފަހުރުވެރިވާ، ދިވެހި ވަންތަކަންހުރި ދިވެހި ދަރީން ބިނާކުރުމުގެ އާ ވިސްނުންތަކެއް ތައުލީމީ ނިޒާމަށް ގެނައުމުގެ ބޭނުންތެރިކަން ވަނީ އިހުނަށްވުރެ ބޮޑުވެފައި“
ދިވެހި ދަރީން ބިނާކުރުމުގެ އާ ވިސްނުންތަކެއް ތައުލީމީ ނިޒާމަށް ގެނައުމުގެ މަތިވެރި މަގުސަދުގައި ތައުލީމީ މަންހަޖުގެ ތެރެއިން ދިވެހިރާއްޖޭގެ ސަގާފަތާއި ތަރިކައިގެ އަގުވަޒަން ކުރާ ގައުމީ ބަހާތަކަށް އިސްކަންދޭ ފަރުދީ އަދި ވަތަނީ ޒިންމާތައް އަދާ ކުރުމަށް ބޭނުންވާ މައުލޫމާތާއި ހުނަރާއި ސިފަތައް ހުރި ދަރިވަރުން ބިނާކުރުމުގެ މަސައްކަތަށް އިތުރު ސަމާލުކަމެއްދީ ގައުމުދެކެ ލޯބިވާ ފަރުދުންތަކެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޝަފީއު ވިދާޅުވިއެވެ.
އުނގެނުމާއި އުގަންނައިދިނުން އެންމެ އެދެވޭ ގޮތެއްގައިކުރިއަށް ގެންދެވޭނީ ސްކޫލްތަކަކީ އުނގެނުމަށްފަހި އުފާވެރި ވެއްޓަކަށް ވެގެންކަމަށް ޝަފީއު ވިދާޅުވިއެވެ. ދަރިވަރުންގެ އުނގެނުމަށާއި އުންގަންނައި ދިނުމަށް ހުރި ހުރަސްތައް ނައްތާލައި، އިފާވެރި ހިތްފަސޭހަ މާހައުލެއް ސްކޫލުތަކުގައި ގާއިމުކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”ކުލާސްތަކުގައި ދަރިވަރުން ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަހައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސްކޫލުތައް އޭސީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ދާދި އަވަހަށް ފެށިގެންދާނެ“
ފެނަވރު ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ފެންވަރު ރަނގަޅު އުފެއްދުންތެރި ވިސްނުމެއްގެ މުދައްރިސުން ދާއިރާގެ ހިދުމަތުގައި ތިބެގެން ކަމަށް ޝަފީއު ވިދާޅުވިއެވެ. ފެންވަރު ރަނގަޅު މުދައްރިސުން ދާއިރާގައި ނެތުމަކީ ތައުލީމީ ނިޒާމުގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވާއިރު މި މައްސަލަ ހައްލު ކުރުމަށް ރައީސް މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ދާއިރާގައި ތިއްބެވި ހިދުމަތްތެރި މުދައްރިސުންގެ ދުޅަހެޔޮ ކަމަށްޓަކައި މުދައްރިސުން ސްކުލުގައި ހޭދަކުރާ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރަށް ރާއްޖެގެ ސްކޫލުތަކުގެ ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި ހިނގާ ދިރާސީ އަހަރުގެ ތެރޭގައި ހިންގާނެ ޝަފީއު ވިދާޅުވިއެވެ.

