ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ބޮޒްނިއާ މައްސަލައިގައި އަމަލުކުރީ މުސްލިމު ގައުމުތަކާއި އެއްގޮތަށް!

ރައީސް މުއިއްޒު އަދި ސަރުކާރުގެ އިސްވެރިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮސްނިއާ އެންޑް ހާރޒަގޮވީނާގައި ސާބިއާއިން ހިންގި ގަތުލު އާންމު ފާހަގަކުރުމާއި ގުޅޭގޮތުން ނެގުނު ވޯޓުގައި ރާއްޖެއިން ވަކި ކޮޅަކަށް ވޯޓު ދީފައިނުވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.)ގެ ގައުމުތަކުން ނިންމާފައިވާ ނިންމާއި އެއްގޮތަށްކަމަށް ސަރުކާރުގެ ފަރާތުން ވޯޓާއި ގުޅޭ މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އދގެ އާންމު މަޖިލީހަށް ޖަރުމަނުވިލާތުންވަނީ ބޮސްނިއާގެ މުސްލިމުންތަކުގެ މައްޗަށް ހިންގާފައިވާ ލާއިންސާނީ އަނިޔާތަކުގެ ހަނދާންތައް އައުކުރުުމުގެ ގޮތުން  ’އިންޓަރނޭޝަނަލް ޑޭ އޮފް ރިފްލެކްޝަން އެންޑް ކޮމެމޮރޭޝަން އޮފް ދަ 1995 ޖެނޮސައިޑް އިން ސްރޭބްރެނީސާ‘ ގެ ނަމުގައި ގަރާރެއް ހުށައަޅާފައެވެ. އަދި މި ގަރާރުގައި އެ ގައުމުންވަނީ ސަރެބްރެނީސާގައި ގިނަ އަދަދެއްގެ މުސްލިމުން މަރާލި ހާދިސާގެ ހަނދާންތައް ކޮންމެ އަހަރެއްގެ ޖުލައި 11 ގައި އައުކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ގޮތުން އެ ދުވަސް ފާހަގަކުރުމަށް ކަމަށްވާއިރު، 84 ގައުމެއްގެ ވޯޓާއިއެކު އދގެ އާންމު މަޖިލީހުންވަނީ ގަރާރު ފާސްކޮށްފައެވެ. ދެކޮޅަށް 19 ގައުމަކުން ވޯޓު ދީފައިވާއިރު ވަކި ކޮޅަކަށް ވޯޓު ނުލާ 68 ގައުމެއް ތިބިކަންވެސް ފާހަގަކުރެވެއެވެ.

ގަރާރާއި ދެކޮޅަށް މަސައްކަތްކުރި ގައުމުތަކުގެ ތެރޭގައި މިވަގުތު ބޮޒްނިއާގެ ރިޔާސަތު ބަަލަހައްޓަމުންދާ އެ ގައުމުގެ ސާރބް ނަސްލަށް ނިސްބަތްވާ މީހުން ހިމެނޭއިރު، އެ ގައުމުންވަނީ ގަރާރަކީ ގާއިމުވެފައިވާ ސުލްހަ ނަގާލައި ސާރބިއާގެ މައްޗަށް ހުރިހާ އިލްޒާމެއް އެޅިގެންދާ ގޮތަށް ފަރުމާކޮށްފައިވާ ގަރާރެއްކަމަށެވެ. އަދި ގަރާރުގެ ސަބަބުން އެ ގައުމުގެ މަސްރަހު އަލުން ގޯސްވުމަށް ފަހިވެގެންދާނެކަމަށް ހިއްސާކޮށްފައިވާއިރު، މިއީ ސާރބިއާ ރަޝިއާގެ ދެމެދު އޮންނަ ގާތް ގުޅުމާއިމެދު ނުރުހޭ ހުޅަނގުގެ ގައުމުތަކުގެ ހުޅައެޅުންތަކަށް އެ ގައުމުން އެއްބަސްނުވާކަމަށްވުމުން ފިއްތުންތައް ކުރިމަތިކުރުުމުގެ ނިޔަތުގައި ހުށައަޅާފައިވާ ގަރާރެއްކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ރާއްޖެއިންވެސްވަނީ ވަކި ކޮޅަކަށް ވޯޓު ނުދިނުމަށް ނިންމާފައެވެ. މިކަމާއި ގުޅިގެން ސަރުކާރަށް ދަނީ އެކި ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވަމުންކަމަށްވާއިރު، ވޯޓާއި ގުޅޭ މައުލޫމާތުތައް އެނގިވަޑައިގަންނަވާ އޮފިޝަލަކުވަނީ އެ ގަރާރަށް ވޯޓު ދިނުމުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއި ގެންގުޅެފައިވާ ވިސްނުންވެސް ހިއްސާކޮށްފައެވެ.

މި ވޯޓުގައި އޯ.އައި.ސީ. ގެ 40 މެމްބަރު ގައުމުންވެސް ބައިވެރިވިކަމަށާއި ގިނަ ގައުމުތަކުން ގަރާރަށް ތާއީދުނުކުރާކަމަށް މައުލޫމާތު ދީފައިވެއެވެ. ބައިވެރިވި ތިން ގައުމަކުން ސީދާ ދެކޮޅަށް ވޯޓު ދީފައިކަމަށާއި 18 ގައުމަކުން ވަނީ ސީދާ ދެކޮޅަށް ދިނުމުގެ ބަދަލުގައި ވަކި ކޮޅަކަށް ވޯޓު ނުދިނުމަށް ނިންމާފައިކަމަށްވުމުން ރާއްޖެއިންވެސްވަނީ އެ ގައުމުތަކާއި އެއްގޮތަށް އަމަލުކޮށްފައިކަމަށް ބުނެފައިވާއިރު މި ނިންމުމާއި ޔޫއޭއީގެ ނިންމުމާއި އެއްގޮތްކަމަށާއި ގަރާރު ހުށައެޅުމުގެ ކަންކަމުގައި އިސްކޮށް އުޅޭ ގައުމުތަކުގެ ތެރޭގައި އިސްރާއީލަށް ފާޅުގައި ވާގިވެރިވާ ގައުމުތައްވެސް ހިމެނޭކަމަށް ބުނެފައިވެއެވެ. މި ގަރާރު ހުށައެޅިފައިވަނީ ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި އެކަމުގެ އަޑުތައް ގަދަވަމުންދާ ދުވަސްވަރެއްގައިކަން މީޑިއާތަކުން ޝާއިއުކުރަމުންދާ މައުލޫމާތުތަކަށް ބެލުމުންވެސް ފާހަގަކުރެވެއެވެ.

އޯއައިސީގެ ބައެއް ގައުމުތަކުގެ އިތުރުން ޗައިނާއިވެސްވަނީ މި ގަރާރާއި ދެކޮޅަށް ވޯޓު ދީފައިކަމަށްވާއިރު އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ އިތުރުން ނޭޕާލް ބޫޓާން އަދި އެފްރިކާ ބައްރުގެ ބައެއް ގައުމުތަކުންވެސް ވޯޓު ލާފައިވަނީ ރާއްޖެއާއި އެއްގޮތަކަށް ކަން ވޯޓާއި ގުޅޭ މައުލޫމާތުތަކުން ފެނިގެންދާއިރު، ރާއްޖެއިންވަނީ ގަރާރުގައި ހިމެނޭ ގައުމުތަކުން ހުށައެޅުމަށް އިއްތިފާގުވެފައިނުވާކަމަށް ވޯޓު ދިނުމުގައި ރިއާޔަތްކޮށްފައިކަމަށްވެސް ސަންގަށް މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައަކީ އައިސީޖޭއިން ނިންމާފައިވާ މައްސަލައެއްކަމަށްވުމުން އެކަމުގެ ތެރޭގައި އިތުރު ނުތަނަވަސްކަމެއް އުފެއްދުމަށް ރާއްޖޭގެ ސަރުކާރުން ބޭނުން ނުވާކަމަށް ހާމަކޮށްފައިވާއިރު، ބޭރު ގައުމުތަކުގެ ދެމެދު އުފެދޭ މައްސަލަތަކުގެ ތެރެއަށް ވަދެ ބަސް ބުނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އުސޫލެއް ނޫންކަމަށާއި ސަރުކާރުގެ ސިޔާސަތަކީ އެފަދަ މައްސަލަތަކުގެ ތެރެއަށް ނުވަދެ ރާއްޖޭގެ މަސްލަހަތަށް އެންމެ ފައިދާވަނިވި ގޮތެއްގެ މަތިން ސިޔާސަތުތައް ބެހެއްޓުންކަމަށް ވިދާޅުވިއެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދިން ސަބަބުތަކުގެ ތެރޭގައި މިހާރު އެ ސަރަހައްދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ތެރެއަށްވަނުމަށާއި ބަސްބުނަން ބޭނުން ނުވުން ހިމެނޭކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން މި ގޮތަށް ވޯޓު ދީފައިވަނީ މި ޤަރާރުގައި ހިމެނޭ ޤައުމުތަކުން ވެސް މި ޤަރާރާ ގުޅިގެން އިއްތިފާގު ވެފައި ނުވާތީ އާއި އ.ދ.ގެ މައި ޝަރުޢީ ގުނަވަން ކަމުގައިވާ އައި.ސީ.ޖޭ. އިން ނިންމަވާފައިވާ މައްސަލައެއްގައި، އިތުރު ނުތަނަވަސް ކަމެއް އުފެއްދުމަށް ބޭނުންނުވާތީއެވެ. އެގޮތުން އެއްވެސް ބޭރު ޤައުމެއްގެ އެތެރޭގައި ހިނގާ ހަމަނުޖެހުންތަކާއި މައްސަލަތަކުގެ ތެރެއަށް ވަދެ ބަސްބުނެ ހެދުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އުސޫލެއްނޫނެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ބޮޑެތި ޤައުމުތަކުގެ ތަޅާފޮޅުމުގެ ތެރެއަށް ނުވަދެ ދިވެހިރާއްޖޭގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަކަށް ސިޔާސަތުތައް ބެހެއްޓުމެވެ. އިސްލާމީ ވަރަށް ގިނަ ޤައުމުތަކުންވެސް މި ޤަރާރާ ގުޅިގެން ވަކިކޮޅަކަށް ވޯޓު ދީފައިނުވަނީ، މިކަމުގައި މިހާރު އުފެދިފައިވާ ސަރަހައްދީ ވާދަވެރިކަމުގެ ތެރެއަށް ވަދެ ބަސްބުނަން ބޭނުންނުވާތީއެވެ.

2007 ވަނަ އަހަރު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އިން ވަނީ 1995 ވަނަ އަހަރު ސްރޭބްރެނީސާ ގައި ހިންގާފައިވަނީ ޖެނޮސައިޑެއްކަމަށް ކަނޑައަޅާ ނިންމާފައެވެ. މި ގަތުލުއާންމު ހިންގާފައިވަނީ އދ އިން ބަލަހައްޓަމުންދިޔަ ރައްކައުތެރިކަމަށް ކަނޑައެޅިފައިވާ ސަރަހައްދެއްގައިކަމަށްވާއިރު، މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓކައި ހަމަނުޖެހުން ހިންގި ބައިވެރިންކަމަށްވާ ބޮސްނިއަކް، ސަރބް އަދި ކްރޮއޭޝިއާގެ ނަސްލުންވަނީ ބަހާލައިގެން ރިޔާސަތު ބެލެހެއްޓުމަށް ނިންމާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: