ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، އަންހެނުން ބާރުވެރިކުރުމުގެ ގޮތުން މިދިއަ ހޮނިހިރު (25 މޭ 2024) ދުވަހު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީ އަންހެނުން ބަލައި ފާސްކުރުމަށް މާލެ އާއި ހުޅުމާލޭގައި ހިންގުނު ހާއްސަ އޮޕަރޭޝަނުގައި ބައިވެރިވެފައިވަނީ އަންހެން އޮފިސަރުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދުގެ އިރުޝާދާއި އެއްގޮތަށް އިމިގްރޭޝަންގެ ދިގު ތާރީޚުގައި ވެސް ހަމައެކަނި އަންހެން އޮފިސަރުން ހިމަނައިގެން ކުރިއަށް ގެންދެވުނު ފުރަތަމަ ރެއިޑް އޮޕަރޭޝަން ކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަންގައި މާލޭގެ 8 ތަނަކާއި، ހުޅުމާލޭގެ 6 ތަނެއް ބެލުމަށްފަހު، އިމިގްރޭޝަންގެ ޤާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ 15 އަންހެން ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ވަނީ ބަޔާންނަގާފައެވެ. މީގެތެރޭގައި ފާހަަގަ ކޮށްލެވެނީ، ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މި ސަރުކާރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ނުބަލާ އޮތް އޮތުން ނިމުމަކަށް ގެނެސް، މިފަދަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ’މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ‘ އިން ’ނެޝަނަލް ޓާސްކް ފޯސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް‘ އެކުލަވާލައިފައި ވާކަމަށެވެ. އަދި މި ޓާސްކް ފޯހުން މިހާތަނަށް ޖުމްލަ 33 އޮޕަރޭޝަނެއް ހިންގާފައި ވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އެގޮތުން މިހާތަނަށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިއަ 1700 އަށްވުރެ ގިނަ ބިދޭސީން ވަނީ ފުރުވާލާފައިވާ ކަމަށްވެސް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައި ވެސް ފުޅާކޮށް، މިފަދަ ބިދޭސީންގެ ސަބަބުން ދިމާވާ އެކިއެކި އުނދަގޫތަކުން މުޖުތަމަޢު ރައްކާތެރިކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.

