އެމްޓީސީސީގެ މިއަހަރުގެ ހާއްސަ އާންމު ޖަލްސާ މިިމަހުގެ 11 ގައި ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެމްޓީސީސީ އިން ބުނެފައިވަނީ މިއަހަރުގެ ޖަލްސާގައި ބައިވެރިވުމަށް ކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް ދައުވަތު އަރުވާފައިވާ ކަމަށެވެ. މި ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހު 11 ވަނަ ދުވަހުގެ ހަވީރު 16:00 ގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށް އޮންލައިންކޮށެވެ.
މި ޖަލްސާގައި ބައިވެރިވެވޭނީ މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުނީގެ އަސާސީ އަދި ހިންގާ ގަވައިދަށް ހުށައަޅާފައިވާ އިސްލާހުތައް ފާސްކުރަން ހުށަހެޅުމަށް ކުުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައިވެއެވެ.
މިދިޔަަ އަހަރު ބޭއްވި 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5.00 ހިއްސާއަކަށް 4.00 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް އެއަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށްފަހު ހިއްސާދާރުންގެ ވޯޓުން އެއައިޓަމް ފާސްނުވާކަމަށް ކަނޑައެޅުމުން ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުންވަނީ، 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާ އާއި ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގެ ނިންމެވުމުގެ މަތިން މިއަހަރު ބާއްވާ ޖަލްސާއަށް 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5.00 ރުފިޔާގެ ހިއްސާއަކަށް 4.00 ރުފިޔާ ބެހުމަށް އަލުން ހުށައެޅުމަށް ވަނީ ނިންމާފައެވެ.
ކުންފުނީގެ ހާއްސަ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންވާ ހިއްސާދާރުން މިމަހުގެ 9 ވަނަ ދުވަހުގެ 16:00 ގެ ކުރިން ރަޖިސްޓަރ ކުރުމަށް ކުންފުނިން ވަނީ އެދިފައެވެ.

