ފަލަސްތީނުގައި ގިނަ އަދަދެއްގެ ޖަރީމާތަކަށް އަރައިގަނެފައިވާކަމަށް ބުނެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަަށްޓަކައި އަމުރެއް ނެރެދިނުމަށް ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުގެ ޕްރޮސިކިއުޓާރުން ހުށައަޅާފައިވާއިރު، އެ ފަދަ މައްސަލަތައް ތަހުގީގުކުރަން އިސްރާއީލުން ވައުދުވެއްޖެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުންވަނީ އިސްރާއީލުގެ ބައެއް އަމަލުތައް ހަމަނުޖެހޭކަަމަށް އިޝާރާތްކޮށްފައެވެ. އެގޮތުން ނަސްލެއް ނައްތާލުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތު އެ ގައުމުގެ ބޮަޑުވަޒީރު އަދި ދިފާއީ ވަޒީރު ޔޯވް ގަލަންޓުގެ މައްޗަށްވެސް ކުރެވިފައިވާއިރު މިހާރު އިސްރާއީލުގެ އަސްކަރިއްޔާއިންދަނީ ވޭތުވެދިޔަ 7 ވަރަކަށް ދިގުދެމިގެން އައިސްފައިވާ ހަނގުރާމައިގެ ތެރެއިން ހިންގާފައިވާ ޖަރީމާތަކެއްގެ މައްސަލަތައް ތަހުގީގުކުރުމަށް ވައުދުވެފައިކަމަށް ރިޕޯޓުތަކުގައިވެއެވެ.
އެހެންނަމަވެސް އެ ގައުމާއި ދެކޮޅަށް އެތައް ތުހުމަތެއް ކުރެވިފައިވާކަމަށާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުންދަނީ އިސްރާއީލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލަމުންކަމަށް ފާހަގަކުރާއިރު، އައިސީސީގެ ޗީފް ޕްރޮސެކިއުޓާރ ކަރީމް ހާންދަނީ ޣައްޒާގައި އެ ގައުމުން ހިންގާފައިވާ ނޭދެވޭ އަމަލުތަކުގެ މައްސަލައިގައި ނަތަންޔާހޫ ހައްޔަރުކުރަން މަސައްކަތްކުރަމުންކަމަށްވެސް ބުނެފައިވެއެވެ. އަދި މިހާރު އިތުރު އދގެ މެމްބަރުންތަކެއްވަނީ ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިކަމަށްވުމުން އިސްރާއީލަށްވަނީ ހާރިޖީ ގޮތުންވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިކަމަށް މީޑިއާތަކުން ބުނެފައިވެއެވެ.
މިހާތަނަށް އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ފެންމަތިވި އެއް ކޭސްއަކީ ކާބޯތަކެތީގެ އެހީ ފޯރުކޮށްދެމުންދިޔަ ވޯލޑް ސެންޓްރަލް ކިޗަންގެ ޓީމެއް ދަތުރުކުރަމުންދިޔަ އުޅަނދަކަށް ދިން ހަަމާލާއެއްގެ ސަބަބުން ފަސް މީހުން މަރުވި ހާދިސާއެވެ. މިކަމާއި ގުޅިގެން އިސްރާއީލުންވަނީ ހޯދުންތައް ހިއްސާކޮށް އެ ގައުމުގެ އަސްކަރިއްޔާގެ ބައެއް އޮފިޝަލުންގެ ފަރާތުން ނޭދެވޭ ކަންކަން ފާހަގަކުރެވިފައިވާކަމަށް އެއްބަސްވެ ދެ މީހަކު މަގާމުގެ މަސްއޫލިއްޔަތާއިވެސް ދުރުކޮށްފައިކަމަށް ރިޕޯޓުތަކުގައިވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުން މިހާރު އެ ގައުމުންދަނީ 70 ވަރަކަށް މައްސަލަ ބަލަމުންނެވެ. އެހެންނަމަވެސް މާ ގިނަ މައުލޫމާތުތަކެއް ދިނުމަށް ދެކޮޅު ހެދިކަމަށްވެސް ޝާއިއުކޮށްފައިވެއެވެ.

