މަސްކިރުމަށްފަހު ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ ފައިސާ ދޫކުރުމަށް ގޮވާލައި ރާއްޖޭގެ މަސްވެރިން މުޒާހަރާކޮށްފިއެވެ.
މިއަދުގެ ހަވީރު ވަގުތުތަކުގައި މަސްވެރިންވަނީ އިހުތިޖާޖުކުރުމުގެ ގޮތުން ރިޔާސީ ފާލަން ހުންނަ ސަރަހައްދަށް ދޯނިތައް ގެނެސް، އަޑުގަދަކުރާތައް މެދުވެރިކޮށް ކަންބޮޑުވުންފާޅުކޮށްފައެވެ. މަސް ކިރުމަށްފަހު ފައިސާ ނުދެވި ގިނަ ދުވަސްވުމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގެ ތެރެެއިން އައު މަސައްކަތްތައް ފެށުމާއި ގުޅޭގޮތުންވެސް އިހުތިޖާޖުގެ ބައިވެރިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްވަނީ މަސްވެރިންގެ ކަންބޮޑުވުންތައް އެއްސެވުމުގެ ގޮތުން އެ ސަރަހައްދަށް ޒިޔާރަތްކޮށްފައެވެ.
ކަންބޮޑުވުންތަކުގެ އަޑާއިއެކު މިނިސްޓަރު ޝިޔާމް ވާހަކަދައްކަވާ އަޑުވެސް ސަރަހައްދަަށް އިވިގެންދިޔައެވެ. އެގޮތުން ލޭނު މަސްވެރިންކަމަށް ހުއްދަ ދީފައިނުވާނެކަަމަށާއި އަދި ސަރުކާރުން ދަނީ އެކަމާއިމެދު ވިސްނައި މަޝްވަރާތައް ކުރަމުންކަމަށް މިނިސްޓަރު ވިދާޅުވިއިރު، އެތަނުގައި ހުންނަވައިގެން މުޒާހަރާ ހުއްޓުވާލުމުގެ ގޮތުން ވަކި ގޮތަކަށް ވަކި ދުވަހެއްގައި ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުނުވާނެކަމަށްވެސް މިނިސްޓަރު ދެންނެވި އަޑު އިވިގެންދިޔައެވެ.
މަސްވެރިންގެ އިހުތިޖާޖާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްއިން ތިބީ ތައްޔާރީ ހާލަތުގައިކަމަށްވާއިރު ބީއެމްއެލްގެ މެއިން ބްރާންޗާއި ހިސާބުން އެމްއެމްއޭ އާއި ހިސާބަށް އޮތީ ކޯނު ޖަަހައި ބަންދުކޮށްފައެވެ. މި ސަރަހައްދުގައި އެ ވަގުތު ސިފައިން ކިޓު އަޅައި ޝީލްޑުތައް ހިފައިގެން ތައްޔާރަށް ތިބިއިރު، އެތައް ފުލުހުންނެއް ވެގެން ސަރަހައްދަށް މީހުން ވަނުން ކޮންޓްރޯލް ކުރުމަށް މަސައްކަތްތައް ކުރަމުންދިޔައެވެ.
ރިޔާސީ ފާލަން މިވަގުތު ހުރީ މަރާމާތަށް ބަންދުކުރެވިފައިކަމަށްވާއިރު، ފާލަން ކޮޅާއި ގާތްކޮށް ހުރަސްކޮށްފައި ދޯނިތަކެއް ތިއްބެވެ. އަދި ފުލުހުންގެ އެޗްކިއު ކުރިމަތީގައިވެސް ދޯންޏެއް އަޅާފައި އޮތެވެ. މިނިސްޓަރު ޝިޔާމް ހުންނެވީ އެމްއެމްއޭ ކުރިމަތީގައި އޮތް ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައިކަމަށްވާއިރު، ވަށައިގެންތިބި ދޯނިތަކުގައި ގިނަ އަދަދެއްގެ މަސްވެރިން ތިއްބެވި މަންޒަރު ފެނިގެންދެއެވެ.
މިނިސްޓަރު ޝިޔާމް ދޯނި ތެރޭގައި ހުންނެވި މަންޒަރު ފެނިގެން ނުދާއިރު، ގިނަ އަދަދެއްގެ ފުލުހުން އެއް ދޯންޏެއްގެ މަތީގައި އަރާ ހަރަކާތްތެރިވާ މަންޒަރާއިއެކު މިނިސްޓަރު ހުންނެވި ދޯނި ކަށަވަރުވެގެންދިޔައެވެ. އެމްއެމްއޭ ކުރިމަތީގައި ތޮށިގަނޑު މަތީގައިވެސް ގިނަ އަދަދެއްގެ މީހުން ތިއްބެވެ. އެ މީހުންވެސް ދިޔައީ ސަރުކާރަށް ވައުދުތައް ފުއްދުމުގައި ހުރި ދަތިތަކާއި ގުޅިގެން ފާޑުކިޔަމުންކަމަށްވާއިރު، އިހުތިޖާޖު ނިމުމަކަށް އައުމާއިއެކު އިސްކޮށް ތިއްބެވި ފަރާތްތަކުންވަނީ ޝިޔާމް ދޯނިން ފައިބައިގެން ދިއުމަށް ހުރަސް ނޭޅުއްވުމަށް އިހުތިޖާޖުގެ ބައިވެރިންނަށް އިރުޝާދު ދީފައިކަންވެސް ފާހަގަކުރެވެއެވެ

