ވެހިކަލްތަކެއް ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ފަރާތެއްގެ ނަން މަތީގައި 100 އުޅަނދު ރެޖިސްޓްރީކޮށްފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރުގެ ވޭން ވަގަށް ނެގި މައްސަލައިގައި މައުލޫމާތު ދެއްވަމުން ސުޕްރިޑެންޓް އޮފް ޕޮލިސް، އަހުމަަދު ދާއޫދުވަނީ ތުހުގީތަކުގެ ތެރެއިން ބޮޑެތި ކުރިއެރުންތައް ހޯދިފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން އެ މައްސަލައިގެ ތަހުގީގު ތެރެއިން ވޭން ގެންގޮށް ހެންވޭރުގައި ހުންނަ ގެއެއްގެ ގްރައުޑްފްލޯގައި ހުންނަ ގަރާޖަކަށް ވެއްދި މަންޒަރު ފެނުުނުކަމަށާއި އެހެންކަމުން އެތަން ކުއްޔަށް ނަގައިގެން އުޅޭ މީހާ ހާޒިރުކޮށް ސުވާލުކުރިކަމަށް ބުނެފައިވެއެވެ.
އެމްއޭސީއެލްގެ އެމްޑީގެ ވޭން ފެނުނީ އެތަން ބަލާ ފާސްކުރުމުންކަމަށް މައުލޫމާތު ދީފައިވާއިރު ގެއްލިގެން ހޯދަމުންދާ އިމިގްރޭޝަންގެ ހަތަރު ފުރޮޅުލީ އުޅަނދެއްވެސް އެތަނުގައި އޮތްކަމަށް ވިދާޅުވިއެވެ. އަދި މިހާރު ފުލުހުން ބެލި ބެލުންތަކުން ޗެސިސް ނަންބަރު ކަހާލުން ކަހަލަ އަމަލުތައް ހިންގައިގެން މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އައިސްފައިވާކަން އެނގިފައިވާކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވެނީ ދެ ފިރިހެނުންނަށްކަމަށްވާއިރު އެކަކަކީ އެމްއޭސީއެލްގައި މަސައްކަތްކުރަމުންދިޔަ މުއައްޒަފެއްކަމަށްވެސް ފުލުހުން ބުނެފައިވާއިރު، ދާއޫދު ވަނީ މި މައްސަލައިގައި ކުރި ތަހުގީގުތަކުގެ ތެރެއިން އެ މީހުންގެ ނަންމަތީގައި ތިބި އުޅަނދުތަކުގެ އަދަދު ބެލިކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ދާއޫދު ވިދާޅުވީ ގަރާރު ހިންގަމުންދިޔަ މީހާގެ ނަން މަތީގައި ޖުމަލަ 100 އުޅަނދު ހުރިކަމަށެވެ. އަދި އެތަނުން 86 އުޅަނދަކީ ހަތަރު ފުރޮޅުލީ ތަކެތިކަމަށް ބުނެފައިވެއެވެ.
އޭނާ ވިދާޅުވީ، 86 އުޅަނދުގެ ތެރެއިން 42 އުޅަނދެއް ހުރީ ތުހުމަތުކުރެވޭ އެކަކުގެ އަނބިމީހާގެ ނަންމަތީގައިކަމަށެވެ. އަދި ބާކީ އުޅަނދުތައް އޭނާގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާކަމަށް ބުނެފައިވާއިރު މި މައްސަލަ މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށާއި އެހެންނަމަވެސް އެކަކުގެ މައްސަލައިގައި ތަހުގީގުތައް ކުރިއަށްދާކަމަށްވެސް ބުނެފައިވެއެވެ.

