ހިޔާ ސަރަހައްދުގައި ފޭރިފައިވަނީ ހަށިވިއްކުމުގެ މުއާމަލާތެއްގައި ބައިވެރިވެފައިވާ މީހުންގެ އަތުންކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންވަނީ މި ފަހުން ގިނަ އަދަދެއްގެ ފޭރުމުގެ މައްސަލަ ފެންމަތިވެފައިވާކަމަށް އަލިއަޅުވާފައެވެ. އެގޮތުން ހިޔާ ފްލެޓެއްގެ އެޕާޓުމެންޓެއްގައި ފޭރުނީ ހަށިވިއްކުމުގެ މުއާމަލާތެއްގައި ބައިވެރިވެ އެތަނަށް އެކަން ކުރުމުގެ ބޭނުމުގައި ދިޔަ މީހުންގެ އަތުންކަމަށް ތަހުގީގުތަކުން އެނގިފައިވާކަމަށް ހުޅުމާލޭ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ހާމަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ހިޔާ ފްލެޓުފެ ފަސްވަނަ ޓަވަރުގެ އެޕާޓުމެންޓަކަށް މީހުން މަކަރާއި ހީލާތް ބޭނުންކޮށްގެން ގެންދިއުމަށްފަހު ބަރާހަނާކުރާކަމަށެވެ. އަދި ވީޑިއޯތަކުގެ ބޭނުން ހިފައިގެން މީހުްނގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލައި ފޯނު ފަދަ މުދާވެސް އަތުލާފައިކާމަށް ބުނެފައިވެއެވެ. ރަޖުނީ ވިދާޅުވީ އެކަން ކުރަމުންއައިސްފައިވަނީ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ވަގު އައިޑީ ހަދައިގެންނާއި އަމަލީގޮތުން މިކަމުގައި ޝާމިލުވާ އަންހެނުން ސަރަހައްދުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން ކައިރީގައި ހަށިވިއްކާނެކަމަށް ބުނެގެންކަމަށާއި މިފަދަ ފަސް މައްސަލައެއް މިހާރު ރެކޯޑުކުރެވިފައިވާކަމަށް ހިއްސާކުރެއްވިއިރު ބައެއް މައްސަލަތައް ފާހަގަވެފައިވާނަމަވެސް އެއްވެސް ފަރާތަކުން ފުލުހުންނަށް ހުށައަޅާފައިނުވާކަމަށްވެސް ރަޖުނީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގިނަ މައްސަލަތައް ހުށަ ނާޅާކަމަށެވެ. އަދި އެއީ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ލީކުކޮށްލަފާނެކަމުގެ ބިރަށް ކަމަށް ބެލެވޭކަމަށާއި އެތަންތަނަށް ދިޔައީ ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގުމުގެ ބޭނުމުގައިކަމަށްވުމުންވެސް ހުށައަޅާފައިނުވުން އެކަށީގެންވާކަމަށް ފާހަގަކުރެއްވިއެވެ.

