ފުވައްމުލައް ޓޫރިޒަމް ޒޯންގައި ފަތުރުވެރިކަމުގެ ކޮޓަރިތައް ތަރައްގީކޮށްދިނުމަށް، ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.
ރީޖަނަލް އެއާޕޯޓްސް ފުވައްމުލަކު އެއާޕޯޓާއި އިންވެގެން އޮތް ބީޗު ހިމެނޭހެން ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއް ގާއިމުކުރީ މެންޑޭޓު ފުޅާކޮށް ވިޔަފާރިއަށް ވަދެވޭ ގޮތަށް ގެނައި ބަދަލުގެ ދަށުންނެވެ.
ޒިންމާއާއި ހަވާލުވެ މުބީން މަސައްކަތް ކުރަމުން ދަނީ، ރީޖަނަލް އެއާޕޯޓްސްއަކީ ސަރުކާރުގެ މާލީ އެހީތެރިކަމާއި ނުލައި ފައިދާވާ ކުންފުންޏަކަށް ހެދުމަށެވެ.
ކުންފުނީގެ މަސައްކަތްތަކާއި ބެހޭ ގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މުބީން ވިދާޅުވީ ފުވައްމުލަކުގެ ޓޫރިޒަމް ޒޯން އެއްބަސްވުމުގެ ދަށުން އެ ސަރަހައްދުގައި 400 ކޮޓަރިއާއި ފަތުރުވެރިންނަށް ބޭނުންވާ ރެކްރިއޭޝަން ހަރަކާތްތައް ބޭއްވޭ ގޮތަށް ތަރައްގީ ކުރާނެކަމަށެވެ.
މި މަޝްރޫއުއަށް ދެ ޕްރޮޕޯސަލްއެއް ލިބިފައިވާކަން ފާހަގަކުރައްވައި މުބީން ވިދާޅުވީ މިހާރު ކުރިޔަށް ދަނީ ސަރުކާރުން ނަގަން ޖެހޭ ހުއްދަތައް ނަގައި، މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ކަމަށެވެ.
ފުވައްމުލައް އަޅުގަނޑުމެން މި ތަރައްގީ ކުރަނީ، ފުވައްމުލަކާއި ސިޓީ ކައުންސިލާއި އަޅުގަނޑުމެންނާއި ގުޅިގެން އެއާޕޯޓުގެ އަތިރީގައި މި އޮންނަ ވަރަށް މުހިންމު ސަރަހައްދެއް.. އަދި އެއްގަމުގަ އަޅުގަމެންގެ ޓެރިޓަރީ ތެރޭގައި ސަރަހައްދުގައި އޮތް ޖުމްލަ 400 ރޫމް އެތަނަށް ގެންނަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ.. މިހާރު އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ގާތްގަނޑަކަށް ދެ ޕާޓީއެއްވަރު އެބައޮތް..
މުބީން ވިދާޅުވީ ކުންފުނީގެ އެތެރޭގައި، މަސައްކަތްތައް ރަނގަޅު ކުރުމުގެ ގޮތުން ވެސް ގިނަ ކަންކަން ބަލައި ދިރާސާކޮށް ފިޔަވަޅު އަޅާފައިވާނެކަމަށެވެ. އަދި އެކަމުގެ ނަތީޖާ ވެސް ފެންނަމުންދާކަމަށް ފާހަގަކުރެއްވި އެވެ.
ގެނައި ބަދަލުތަކެއްގެ ގޮތުގައި މުބީން ވަނީ، އެއާޕޯޓުގެ ބައެއް ހުސް ޖާގަތަކުގައި އިސްތިހާރުތަކަށް ހާއްސަކޮށް ސްލޮޓުތައް ވިއްކައި ކުންފުންޏަށް އާމްދަނީ ލިބޭނެ މަގުފުޅާކުރާނެކަމަށެވެ. މިއާއި އެކު ޓްރޯލީތަކާއި، އެޑް ސްޕޭސް ބޮޑުކޮށް ކުރިޔަށް ވުރެ އިސްތިހާރު ޖެހުން ގިނަކޮށްފައިވާނެކަމަށް މުބީން ވިދާޅުވި އެވެ.
މީގެއިތުރުން ޖެޓް ފިއުލް ވިއްކުން ވެސް ބަލައި، ސަރުކާރާއި އަދި ބައެއް ޕްރައިވެޓް ޕާޓީތަކާއި ދެމެދު ވެސް މަޝްވަރާ ކުރެވެމުންދާކަމަށް މުބީން ވަނީ ވިދާޅުވެފަ އެވެ.

