ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގެ ކޮރިޑޯއެއްގައި ގްރޫޕަކުން މީހަކަށް އަނިޔާ ކުރާ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ހިޔާ ފްލެޓެއްގެ ކޯރިޑޯގައި ގްރޫޕަކުން މީހަކަށް އަނިޔާކުރާ ވީޑިއޯއެއް މިމަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލު ހިއްސާކޮށް ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮންބައެއްކަން އަދި ދެނެގަނެވިފައިނުވާ ކަމަށެވެ. އަދި އެ ވީޑިއޯއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނާ އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ވީޑިއޯއިން ފެންނަނީ ގްރޫޕަކުން މީހަކަށް އަނިޔާކޮށް ވައްޓާލާ މަންޒަރެވެ. އަދި އެ މަންޒަރު ބަލަން އިތުރު މީހަކު ހުރި ވީޑިއޯ ނަގާފައިވަނީ އެ ގްރޫޕުގައި ޝާމިލުވާ މީހެއްކަން މިހާތަނަށް އެނގިފައެއް ނުވެއެވެ.
ގްރޫޕް ހަދައިގެން މީހުންނަށް އަނިޔާ ކުރުމާ ވައްކަން ކުރުމާ ފޭރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ދާދި ފަހުން ހިޔާ ފްލެޓުގައި އޮޅުވާލައިގެން މީހުން އެޕާޓްމަންޓްތަކަށް ގެންގޮސް ފޭރޭ މައްސަލައެއްގައި ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ.
އޭގެ ކުރިން މިދިޔަ އޭޕްރީލް މަހު 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ވެގެން މިސްކިތެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އަދި ހަމަ އެދުވަސްވަރު، އަތޮޅުތެރޭގެ ސްކޫލެއްގައި ދަރިވަރުންތަކެއް، އެހެން ކުއްޖަކަށް ގަނާކޮށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވިއެވެ.

