ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖުވެރިންނާ ބައްދަލުކުރަން އެއާޕޯޓަށް ކޮންމެހެން ދިޔުން މުހިއްމުހެއްޔެވެ؟

އުމްރާއަށް ދިއުމަށް ދިވެހިން އެމީހުންގެ އާއިލާއާއެކު އެއާޕޯޓުގައި --- ފޮޓޯ/ ޤިބްލަ ހައްޖު އެންޑް އުމްރާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަންގާރަ ދުވަހު އެތައް ބައެއްގެ ލޮލުން ކަރުނަ ހިލުވާލި ހާދިސާ އަދި ހިތުން ފިލައިގެން ނުދާނެކަން ޔަގީނެވެ. ކުޅިވަރުގެ ދާއިރާއަށް އަދި ވަކިން ޚާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްކޮށް، ޤައުމަށް ފަޚުރުވެރި ނަން ހޯދައިދިން ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޢާރިފު (ބަކާ) ނިޔާވި ޚަބަރު މުޅި ގައުމު ސިއްސުވާލިއެވެ. ބަކާ ނިޔާވީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ބަލީގައެވެ. ބަކާ ނިޔާވީ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްފަހު މާލެއައިތާ ތިން ދުވަސްފަހުން ހުން އައިސްގެން ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.

މެނިންޖައިޓިސް އަކީ ސިކުނޑި އާއި މައިބަދަ ވަށައިގެން ހުންނަ މެނިންޖަސް އޭ ކިޔާ ފަށަލައިގެ އިންފެކްޝަނެވެ. މި ފަށަލައިގެ ތެރޭގައި ދިޔަވަރެއް ހުރެއެވެ. އާންމުގޮތެއްގައި މެނިންޖައިޓިސްގައި އުފެދޭ އިންފެކްޝަން އުފެދެނީ މި ދިޔަވަރުގައެވެ. މި ފަށަލައަކީ ސިކުނޑިއާއި މައިބަދައިގެ ރައްކާތެރިކަމަށް ލައްވާފައިވާ ފަށަލައެކެވެ. މެނިންޖައިޓިސް އަކީ އޭގެސަބަބުން ކުއްލި އުނދަގޫތަކަކާއި ވޭނީ އިހުސާސްތަކެއް އިންސާނާއަށް ކުރިމަތި ކުރުވާނޭ އިންފެކްޝަނެކެވެ.

މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަން (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ.

އިންވެންސިވް މެނިންގޯކޮކަލް ބައްޔަށް މިދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖެ އިން ޖެހުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަނީ ތިން މީހެކެވެ. މީގެ ތެރެއިން ދެ މީހަކަށް މި ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރެވެ. ތިން ވަނަ މީހަކީ ބަކާ އެވެ.

ދައްކަން މިއުޅެނީ ވަކި ބައްޔެއްގެ ވާހަކައެއް ނޫނެވެ. ވަކި މީހެއްގެ ވާހަކައެއް ވެސް ނޫނެވެ. ދައްކަން މިއުޅެނީ ހައްޖުގެ މަތިވެރި އަޅުކަމަށްފަހު ހައްޖާޖީން އެނބުރި ގައުމަށް އަންނައިރު އިހުސާސްކުރެވޭ އުފާވެރިކަމުގެ އިތުރުން ތަފާތު ރޯގާއާއި ބަލިތައް ފެތުރޭތީ އަބަދުވެސް ތައްޔާރުވާވުމުގެ ވާހަކައެވެ. ކޮންމެ އަހަރެއްގެ ހައްޖު މޫސުން ނިމި ޙައްޖާޖީން މާލެ އަންނަ ދުވަސްވަރަކީ އެކިކަހަލަ ބަލި މަޑުކަމާ ކުރިމަތިވާ ދުވަސްވަރެކެވެ. އެކަން އެހެން ދިމާވަނީ ހައްޖަށް ގޮސް މައްކާގައި ހޭދަކުރާ ދުވަސްތަކުގައި ރޯގާގެ ބަލިމަޑުކަމާއި ހައްޖުވެރިންނަށް ކުރިމަތިލާން ޖެހުމެވެ. މިއީ އެއްވެސް މީހަކު އެކަމާ ދެބަސްވާނެ ކަމެއް ނޫންކަން ޔަގީނެވެ.

މީގެ ނުވަ އަހަރު ކުރިއަށް ޖެހިލާނަމެވެ. ހައްޖުން އެނބުރި ރާއްޖެއަށް އައި ހަތަރުސަތޭކަ އަށްވުރެ ގިނަ މީހުން މާލޭގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކްތަކުން ފަރުވާ ހޯދަން ޖެހުނެވެ. ގިނަ މީހުން ފަރުވާ ހޯދާފައިވަނީ އާދައިގެ ރޯގާއަށް ކަމަށް އޭރު ހެލްތު މިނިސްޓްރީން ބުންޏެވެ. އެ އަހަރު ހެލްތު މިނިސްޓްރީން ވަނީ ރޯގާ އާންމުވިޔަ ނުދިނުމަށްޓަކައި ހައްޖުވެރިންނަށް ފްލޫ ކްލިނިކްތަކާއި ބެހޭގޮތުން މައުލޫމާތުދީ، ރޯގާއަށް ހޭލުންތެރިކުރުވާފައެވެ. އެގޮތުން އެމީހުން މާލެ އައިސް އިމްގްރޭޝަން ކްލިއަ ކުރުމުގެ ކުރިން ހޮސްޕިޓަލްތަކުގައި ގާއިމްކޮށްފައިވާ ކްލިނިކްތަކާއި ރޯގާ އާއި އެހެނިހެންވެސް ބަލިތަކާއި ބެހޭ ކިޓެއް ހަވާލުކޮށްފައިވެއެވެ.

އޭގެ ތަންކޮޅެއް ކުރިއަށް ޖެހިލާނަމެވެ. 2018 ވަނަ އަހަރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުން އެނބުރި އަންނަ ދުވަސްވަރަކީ އަބަދު ވެސް ހުމާއި ރޯގާ ފެތުރޭ ދުވަސްވަރެއްކަން ފާހަގަ ކުރެވޭ ދުވަސްވަރަކަށްވާތީ އަދި މި ބަލިތަކަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބަލިތަކަކަށް ވާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށް ބަޔާނެއް ވެސް ނެރެފައެވެ. މިއަހަރުވެސް ހައްޖުވެރިންނަށް ޚާއްސަކޮށް ފްލޫ ކްލިނިކް ގާއިމް ކޮށްފައިވެއެވެ. އަދި ހައްޖުން އެނބުރި އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ. ހައްޖު ނުވަތަ އުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި، ހުން އައިސް ކެއްސާ، ނޭވާލާން އުނދަގޫވެ، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް ވެސް އެޗްޕީއޭއިން އެދިފައިވެއެެވެ.

ރާއްޖެއަށް ބަލާއިރު މީގެ ކުރިން ރާއްޖޭގައި ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއްކަމުގައިވާ މާސް، އިންފްލުއެންޒާ އަދި ނޭވާލާ ނިޒާމުގެ ތަފާތު އިންފެކްޝަންތައް ވަނީ ފެތުރިފައެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ މި ކަންކަމުން ރައްކާތެރިވެވޭނެ ގޮތްތަކަކީ ކޮބައިތޯއެވެ.

ތެދަށް ދަންނަވާނަމަ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ރާއްޖޭގައި ފެތުރިއްޖެނަމަ ނުހަނު ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެކަން ޔަގީންވީ 2020 ވަނަ އަހަރު ކޮވިޑް-19އާ ގުޅިގެން ގައުމަށް ދިމާވި ހާލަތުންނެވެ. ސިއްހީ ޚިދުމަތްދޭ ތަންތަން ފުރި، ނިޒާމަށް ނުކަތާވަރުވިއެވެ. މިއަދުވެސް މިއުޅެނީ އޭރު ދިމާވި ހާލަތުގެ ސަބަބުން ވެއްޓުނު އަނދަވަޅުން މުޅިން އަރައި ނުގަނެވިގެންނެވެ.

އެންމެ ފުރަތަމަ ކަމަކަށް ހައްޖުވެރިން ބަލާ، އެއާޕޯޓަށް ދާ ދިއުމަށް ނިމުމެއް ގެންނަން އެބަ ޖެހެއެވެ. ގަބޫލުކުރަމެވެ. ތިމާގެ އާއިލާ ތިމާއާ ދުރުގައި އެތައް ދުވަހެއް ހުރުމަށްފަހު އަދި މަތިވެރި އަޅުކަމެއް ފުރިހަމަ ކުރުމަށްފަހު އެނބުރި އަންނަ ވަގުތު އެތަނުގައި ހުންނަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ނަމަވެސް އެންމެންގެ ސަލާމަތްތެރި ކަމަށްޓަކާ އެއާޕޯޓަށް ނުދިއުމާ ގައުމަށް އެނބުރި އަންނަ ހައްޖުވެރިންނާ ބައްދަލުކުރަން ދިޔުން ހަފްތާއެއްހާ ދުވަހަށް މަޑުކޮށްލުމަކީ ކުރެވިދާނެ ކަމެއްކަން ޔަގީނެވެ. ހައްޖުން އަންނަ މީހުން ވަކި މުއްދަތަކަށް ކަރަންޓީނު ކުރުމަކީ ވެސް މުޖުތަމައުގެ ތެރޭގައި ބަލިތައް ފެތުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅެކެވެ. އެ މުއްދަތުގައި ފުރިހަމަ ހެލްތް ސްކްރީނިންގއެއް ހަދައިގެން، ޢާންމު އާބާދީއަށް ބަލި ފެތުރުމުގެ ފުރުޞަތު އޮތްތޯ ބަލާ އެކަންކަމަށް ދުރާލާ ސިއްހީ އިދާރާތަކަށް ތައްޔާރުވެވިދާނެއެވެ.

ހައްޖުވެރިން ކަރަންޓީނު ކުރުމުގެ ވިސްނުމާ ދެކޮޅު އަދި އެއީ މާ އެތައްބެއެއްގެ އުފާވެރިކަމާ ހިތްހަމަޖެހުމާ އާއިލާއާއެކު ހޭދަކުރަންލިބޭ ވަގުތަށް ހުރަސްއެޅުން ކަމަށް ގަބޫލުކުރާ މީހުން އުޅޭނެއެވެ. ނަމަވެސް އަޅުކަމަށްފަހު އެނބުރި އަންނަ ހައްޖުވެރިންގެ މެދުގައި ބަލިތައް ފެތުރުނަ ނުދިނުމަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކަށް ވެސް ވިސްނަންޖެހެއެވެ. ރާއްޖެ ފަދަ ތޮއްޖެހިފައިވާ ގައުމެއްގައި ގައިންގަޔަށް އަރާ ބަލިތައް ހަލުވިކަމާއެކު ފެތުރުމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާތެރި އަސަރުތަކެއް ކޮށް، ސިއްހީ ނިޒާމަށް ނުކަތައިގެން ހިތާމަވެރި އެތައް ހާދިސާއެއް ހިނގުމުގެ ފުރުސަތު އެބައޮތެވެ.

އެހެންކަމުން، ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ މީހުންނާ ބައްދަލުކުރުމަށް އެއާޕޯޓަށް ނުދިއުމާ، އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން އަދި ސިއްހީ ލަފާދޭ ވުޒާރާތަކަށް އެއްބާރުލުން ދިނުމާއެކު އެހެން މީހުންގެ ރައްކާތެރިކަމަށް ވެސް ބެލުމަކީ ކުރަންވީ މުހިއްމު ކަންކަމެވެ. މިކަމުގައި ތަފާތު ވިސްނުންތަކެއް ހުރި ނަމަވެސް، ހައްޖުން އެނބުރި އަންނަ މީހުން ކަރަންޓީނު ކުރުމުން ލިބިދާނެ ފައިދާތަކަށް ރިއާޔަތްކޮށް އާބާދީގެ ސިއްހަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ. ބަލިތައް ފެތުރުނަ ނުދިނުމަށް ޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން، އާންމު ސިއްހަތު ރައްކާތެރިކޮށް، މުޖުތަމައުގެ ތެރޭގައި ގައިންގަޔަށް އަރާ ބަލިތައް ފެތުރުން ހުއްޓުވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: