ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚަރަދު ކުޑަކުރުމަށް އެމްއޭސީއެލްއިން އިސްނަގައިގެން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދިވެހިރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން އިއުލާންކުރި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި އެއްގޮތަ އެމްއޭސީއެލް އިން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކޮށްފިއެވެ.

ޖުމްލަ 10 ދާއިރާއަކުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށްވަނީ ނިންމާފައިވާއިރު އޭގެތެރޭގައި ތެލާއި ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުމަށް ނިންމާފައިވެއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހަކަތަ އުފެއްދުމަށް ބޭނުންކުރާ ޖެންސެޓްތައް އައުކޮށް އެފިޝެންސީ އިތުރުކުރުމަށް ނިންމާފައިވެއެވެ. އޭގެ ސަބަބުން ތެޔޮ ބޭނުންކުރާ މިންވަރުގެ 20 އިންސައްތަ ދަށްކުރެވޭނެ ކަމަށާ ކުރިޔަށް އޮތް 15 ދުވަހުގެ ތެރޭގައި ޖެންސެޓްތައް ބޭނުންކުރަން ފެށޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އޭގެ އިތުރުން ކޮންސިއުމަބަލްސް ގަންނަން ކުރާ ޚަރަދު ކުޑަކުރުމަށް ވެސް އެމްއޭސީއެލްއިން ނިންމާފައިވެއެވެ. އެކުންފުނިން ބުނީ އެމް.އޭ.ސީ.އެލް އަކީ 4000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާ މުވައްސަސާއަކަށް ވީއިރު، ޕްރިންޓިންގ އާއި ސްޓޭޝަނަރީސް ފަދަ ކަންކަންކަމަށް ބޮޑު ހޭދައެއްކުރާ ކަމަށެވެ. މިކަންކަމަށް ކުރާ ޚަރަދު ކުޑަކޮށް ކުރިޔަށް އޮތް އެއް އަހަރު ދުވަސްތެރޭ ކުންފުންޏަކީ ޕޭޕަރ-ލެސް ކުންފުންޏަކަށް ހެދުމަށް އަމާޒުހިފާފައިވާ ކަމަށް ވެސް ބުނެއެވެ.

ހަމައެހެންމެ ފެން އިސްރާފުވުން ކުޑަކޮށް ފެނަށް ކުރެވޭ ޚަރަދު ކުޑަކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާ، މުވައްޒަފުންގެ ތަމްރީންތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި، ޓްރެއިނަރުން ރާއްޖެއަށް ގެނައުން ނުވަތަ އޮންލައިންކޮށް ތަމްރީންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސައި ކޮންމެހެން ކުރަންޖެހޭ ޙާލަތެއްގައި މެނުވީ ބިޒްނަސް ކްލާހުގައި ދަތުރު ނުކުރުމަށް ނިންމާފައިވެއެވެ.

އެ ކުންފުނިން ވަނީ ކުންފުނި ރީސްޓްރަކްޗަރ ކުރަން ވެސް ނިންމާފައެވެ. އެގޮތުން އެމްއޭސީއެލް އަކީ އެއަރޕޯޓްގެ އިތުރުން މުނިސިޕަލް ޚިދުމަތްތައް ވެސް ދޭ ކުންފުންޏެއް ކަން ފާހަގަކޮށް ބުނީ ކުންފުނީގެ މަސައްކަތްތަކުގެ އެފިޝިއަންސީ ބަލައި ކުންފުނި ރީސްޓްރަކްޗަރ ކުރެވިގެންދާނެ ކަމަށެވެ. އަދި އައުޓްސޯސް ކުރުމުން ޚަރަދު ކުޑަކުރެވޭނެ ފަދަ މަސައްކަތްތައް އައުޓްސޯސްކުރުމާ، ބޭންކް ޗަރޖަސް ކުޑަކުރުމަށް ބޭންކްތަކާއިއެކު މަޝްވަރާކުރުމާއެކު މިހާރަށް ވުރެ ކޮމިއުނިކޭޝަން ހަރުދަނާކޮށް، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކޮމިއުނިކޭޝަނަށް ކުރެވޭ ޚަރަދު 60 އިންސައްތަ ކުޑަކުރުމަށް އެމްއޭސީއެލްއިން ވަނީ ނިންމާފައެވެ. އޭގެ އިތުރުން ކޮންމެހެން މުހިންމު ނޫން އިވެންޓްރީ ގަތުން މިވަގުތަށް ހުއްޓާލުން ވެސް ހިމެނެއެވެ.

އިވެންޓްތަކަށް ކުރާ ޚަރަދު 100،000 ރުފިޔާއަށްވުރެ ކުޑަކުރުމަށް ވެސް އެމްއޭސީއެލްއިން ވަނީ ނިންމާފައެވެ. މިކަމާ ބެހޭ ތަފްސީލްތައް ދެއްވުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމް.އޭ.ސީ.އެލް ގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުންފުނީގެ ހިންގުން މިހާރަށް ވުރެ ހަރުދަނާކުރެވި ލިބޭ ފައިދާވެސް އިތުރުކުރެވޭނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

އެމް.އޭ.ސީ.އެލް އަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފައިދާ ބޮޑު އެއް ކުންފުނިކަމުގައި ވީނަމަވެސް، އެމް.އޭ.ސީ.އެލް އިން ވެސް ރަނގަޅުކުރަން ޖެހޭކަންކަން ހުންނާނެކަން ފާހަގަކުރެއްވިއެވެ. އަދި  މި ފިޔަވަޅުތަކުގެ ސަބަބުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ނޭދެވޭ އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން ސީ.އީ.އޯ ދެއްވިއެވެ.

ރީސްޓްރަކްޗަރ ކުރުމަކީ މުވައްޒަފުންތަކެއް ކަނޑާލުމެއް ނޫން. މުވައްޒަފުންނާއި ނުލައެއް މި ކުންފުނި ނޯންނާނެ. އެހެންވީމާ މުވައްޒަފުންގެ މުސާރައެއް ނުކަނޑާނެ. ކުޑައެއްނުކުރާނެ. އެއްވެސް އިނާޔަތަކަށް ނޭދެވޭ ބަދަލެއް ނާންނާނެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫޢޫތައް ލަސްވެ ވަރަށް ގިނަދުވަސްތަކަކަށް ދިގުދެމިގެން ގޮސްފައިވުމުގެ ސަބަބުން ކުންފުންޏަށް ލިބެމުން ދިޔަ ގެއްލުންތައް މިހާރު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށާއި އައު ފެސިލިޓީ ތަކާއި އެކު އެފިޝަންސީ އިތުރުވުމަކީ ކުންފުންޏަށް ފައިދާވާނެ ކަމެއްކަން ސީ.އީ.އޯ ފާހަގަކުރެއްވިއެވެ. އަދި އައު ފެސިލިޓީތައް މިހާރު ބޭނުންކުރަމުންދާއިރު، ޚިދުމަތްތައް ކުރިޔަށްވުރެ އަވަސްވެފައިވާކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: