ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުހައްމަދް ޖަމީލްގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން ބުނީ މިނިވަންކަން ގެއްލޭ ގޮތަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަރާތެއް މަރުވެއްޖެ ޙާލަތެއްގައި އެކަން ހިނގާދިޔަ ގޮތް ބަލައި، މަރުވި ފަރާތުގެ ހަށިގަނޑު ބެލުމަށް ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމު (އާރު.އާރު.ޓީ) ވަގުތުން ހަރަކާތްތެރިވާން ފަށާނެ ކަމަށެވެ.
އެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ޝަރީޢަތް ނިމެންދެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން މާފުށީ ޖަލުގައި ބަންދުގައި ހުރި ޖަމީލް، 2024 ޖޫން 28 ވަނަ ދުވަހު މަރުވި ޚަބަރު ކޮމިޝަނަށް ލިބުމުން ކޮމިޝަނުގެ އާރު.އާރު.ޓީއިން ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
މިގޮތުން، މުޙައްމަދު ޖަމީލުގެ ހަށިގަނޑު ބަލާ، ފޮޓޯ ނަގާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ފަރާތުންނާއި، އާއިލާގެ ފަރާތުން މަޢުލޫމާތު ސާފުކޮށް، މުޙައްމަދު ޖަމީލްގެ މެޑިކަލް ފައިލް ބަލާފައިވާނެ ކަމަށް އެ ކޮމިޝަނުގެ އިއުލާނުގައި ވެއެވެ.
ހަމަ މިއާއެކު މާފުށީ ޖަލަށް ޒިޔާރަތްކޮށް، މި ހާދިސާގެ ސީ.ސީ.ޓީ.ވީ ފުޓޭޖު ބަލާ، މުޙައްމަދު ޖަމީލު ހުރި ގޮޅި ބަލާ، އެ ޔުނިޓުގައި ތިބި ބަންދުމީހުންގެ ފަރާތުންނާއި، މުޙައްމަދު ޖަމީލު ކުރިން ހުރި ގޮޅީގައި ތިބި ބަންދުމީހުންގެ ފަރާތުން މަޢުލޫމާތު ސާފުކޮށްފައިވާނެ ކަމަށް ވެސް އެޗްއާރްސީއެމް އިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުންވެސް މި މައްސަލައިގައި ބަލަންޖެހޭ އިތުރުކަންކަން ކޮމިޝަނުން ބަލަމުންދާ ކަމަށް އެޗްއާރްސީއެމްގެ އިއުލާނުގައިވެއެވެ.
ޖަމީލް ނިޔާވި ޖަލުގައި ލިބުނު އަނިޔާތަކަށް އެއްވެސް ފަރުވާއެއް ނުލިބިކަމަށް އަޑުފެތުރުނު ނަމަވެސް އެ ވާހަކަތައް ދޮގުކޮށް ފުލުހުންނާއި ކަރެކްޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އޭނާ ބަންދުކޮށްފައިވާ ގޮޅީގެ ސީސީޓީވީ ފުޓޭޖު އާންމުކޮށްފަ އެވެ. ހިނެވުމުގެ ތެރޭގައި ނަގާފައިވާ ޖަމީލްގެ ހަށިގަނޑުގެ ފޮޓޯތަކާއި، ކަފުންކޮށްފައި ވަނިކޮށް ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ގައިގައި ނޫފައިގެންފައި ހުރިހެން ހީވާ ލަކުނުތަކެއް ހުއްޓެވެ.

