ކައުންސިލުތައް ޖަވާބުދާރީކުރުމުގެ ބާރު ރައްޔިތުންނަށް ލިބިފައިވާތީ އެ ބާރު ރައްޔިތުން ބޭނުންކުރެއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެދިވަޑައިގެންފިއެވެ.
ރ.ކިނޮޅަހު ކައުންސިލުގެ ފަރާތުން މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރުމަށް ޢިމާދުއްދީނު ސުކޫލުގައި ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޙަޤީޤީ މާނައިގައި، ކައުންސިލުތައް ފުރިހަމަ ގޮތުގައި މަސައްކަތްކުރުމުގެ ރޫހު އާލާވެގެން ދަނީ ރައްޔިތުންގެ ފަރާތުން ކައުންސިލުތަކުން ކުރާ ކަންތައްތަކުގައި ބައިވެރިވެ، އެ ފަރާތްތަކުގެ އެއްބާރުލުމާއި އެކު ކަމަށެވެ. އަދި އެގޮތުގެ މަތިން ޤާނޫނު އަސާސީން ރައްޔިތުންނަށް ދެއްވައިފައިވާ ބާރު އެންމެ ފުރިހަމަ ގޮތުގައި ކައުންސިލުތައް ޖަވާބުދާރީކުރުމަށް ބޭނުންކުރެއްވުމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މި ދުވަސްވަރަކީ ލާމަރުކަޒީ ނިޒާމާއި، ކައުންސިލުތަކާ ގުޅޭގޮތުން އެކި ކަހަލަ ވާހަކަދެކެވޭ ދުވަސްވަރެއް ކަމަށާއި، އެހެންކަމަށް ވުމާއެކު ކޮންމެ ނިޒާމެއްގައިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިކަމަށާއި، އެ ކަންކަން ރަނގަޅު ނުވެހުރި ސަބަބު ވިސްނާ ފިކުރު ކުރަންޖެހޭ ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގިނަގުނަ ބަދަލުތަކެއް ގެނެވިދާނެ ކަމުގައި ވަނީ ފާހަގަކުރައްވައިފައެވެ.
ލާމަރުކަޒީ ނިޒާމަށް ގެންނަށްޖެހޭ ބަދަލުތައް ގެނެއުމަށްޓަކައި ޤައުމީ ޔުނިވާރސިޓީ ހަދައި ރިސާޗާއި، ރައްޔިތުންގެ މަޖިލިހާއި އާންމުންގެ ޙިޔާލާއި، ތަޖުރިބާކާރުންގެ ލަފައި ހޯއްދަވައިގެން ޤާނޫނަށް އިސްލާހަށް ހުށައެޅުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.


One Response
ޜައްޔިތުންނަކައް އެބާރު ނުދޭ އެލްޖީއޭ އަކުން