ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

10 މިނެޓު ތެރޭ ފޭރިގަތީ 1.9 މިލިއަން ރުފިޔާ، 50 އެކައުންޓަކަށް ޖަމާ ކުރި!

އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދެ ސްކޭމެއް ހިންގައި 2.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމް ޑިޕާޓްމެންޓްގެ އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ގާތްގަނޑަކަށް 5 މިނެޓާ 10 މިނެޓާ ދެމެދުގެ ވަގުތެއްގައި އަމިއްލަ ވިޔަފާރި ކުންފުންޏެއްގެ އެކައުންޓުން މިދިޔަ މަހު 1.9 މިލިއަން ރުފިޔާ ފޭރިގަނެފައިވާ ކަމަށެވެ.

ނަވީދު ވިދާޅުވީ މި ބޮޑު ސްކޭމެއް ހިންގުމުގައި އަމަލީ ގޮތުން 158 މީހުން ބައިވެރިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސްކޭމްކޮށް އެ ފައިސާ ފޭރުމުގެ ކުރިން އެ ކުންފުނީގެ އެކައުންޓުގައި 2.6 މިލިއަން ރުފިޔާ ހުރި ކަމަށެވެ. މި ސްކޭމްގައި ގާތްގަނޑަކަށް 70 އިންސައްތަ ގެއްލުން ވެފައިވާކަން ވެސް ފުލުހުން ހިއްސާ ކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ނަޝީދާ ވިދާޅުވީ އެ ސްކޭމް ކޮށްފައިވަނީ ކުންފުނީގެ ހިއްސާދާރަކަށް ކާކުކަން ނޭނގޭ ފަރާތަކުން ގުޅައި ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ޕްރޮޖެކްޓަކަށް މުދާ ސަޕްލައި ކުރަން ކަމަށް ބުނެ ކަމަށެވެ.

އެއަށްފަހު އެމީހާގެ އެކައުންޓުން 25,000 ރުފިޔާ އަދި ވިޔަފާރީގެ އެކައުންޓުން 1,897,016 ރުފިޔާ ނަގާފައިވާ ކަމަށް ނަޝީދާ ވިދާޅުވިއެވެ. އޭގެ ތެރެއިން 548,860 ރުފިޔާ އަނބުރާ ހޯދައިދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެކައުންޓްގެ ހިއްސާދާރަށް ކުންފުނީގެ އެކައުންޓްގައި ފައިސާ މަދުކަން ފާހަގަކުރެވި އެކަން ބޭންކަށް އަންގައި ސްކޭމް ހުއްޓުވި އިރު، އެކައުންޓުން ގާތްގަނޑަކަށް ސަލާމަތް ކުރެވުނީ ގާތްގަނޑަކަށް އަށް ލައްކައެއްހާ ރުފިޔާ. މިއީ ގާތްގަނޑާކަށް 32 އިންސައްތަ، މި މައްސަލައިގައި މި ސްކޭމްގައި ގާތްގަނޑަކަށް 70 އިންސައްތަ ގެއްލުންވެފައިވޭ،

އިތުރު ތަފްސީލު ހިއްސާކޮށް ނަވީދު ވިދާޅުވީ، އެ ފައިސާ ކުންފުނީގެ އެކައުންޓުން ބޭރުކުރުމަށް 56 ޓްރާންސްސެކްޝަނެއް ހަދާފައިވާ ކަމަށެވެ. އަދި އެ ޓްރާންސެޝަންތަކުގައި ހިމެނޭ ފައިސާ ޖުމްލަ 50 އެކައުންޓަަކަށް ޖަމާކޮށްފައިވާ ކަމަށެވެ.. އޭނާ ވިދާޅުވީ އެ 50 އެކައުންޓުގެ ތެރެއިން 36 އެކައުންޓަކަށް ޖަމާވި ފައިސާ އޭޓީއެމް މެދުވެރިކޮށް ނަގާފައިވާއިރު ބާކީ 14 އެކައުންޓުން އިތުރު އެހެން އެކައުންޓަށް ފަވަރަ މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.

އެވްރެޖްކޮށް ފައިސާ ޓްރާންސްފާކޮށް ފައިސާ ނެގުމަށް ހޭދަވެފައި ވަނީ 10 މިނެޓާއި ފަސް މިނެޓާއި ދެމެދުގެ ވަގުތެއް. މުޅި އޮޕަރޭޝަންގެ ފަހު ޓްރާންސެކްޝަން ހިނގާފައިވަނީ އެ ދުވަހުގެ 16:30 ގައި. މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ އެ ދުވަހުގެ 17:18 ގައި. މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ތެރޭގައި ހާއްސަ ޓީމްތަކެއް އެކުލަވާލެވި އަދި އަތޮޅު ތެރޭގެ ފުލުހުންގެ ޓީމްތަކަށް އެލާޓްކޮށް ތަހުގީގު ފަށައިގަނެވުނު. އެގޮތުން މައްސަލައަށް 72 ގަޑއިރު ތެރޭގައި ފުރަތަމަ ލޭޔަރުގައި ހިމެނޭ މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ތިބި ތަންނަށް ގޮސް އެ ފަރާތްތަކާއި ސުވާލުކޮށް ބަލާސް ފާސްކުރެވުނު،

އެ މައްސަލައާއި ގުޅިގެން މިހާތަނަށް 60 މީހަކު ތަހުގީގަށް ހާޒިރުކޮށް 56 އެކައުންޓެއް ފްރީޒްކޮށްފައިވާއިރު 133 އެކައުންޓެއްގެ ސްޓޭޓްމެންޓް އެނަލައިޒް ކުރަމުންދާ ކަމަށް މިއަދުގެ ބައްދަލުވުމުގައި ނަވީދު ވިދާޅުވިއެވެ. އެ މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ އެންމެ މީހެއްކަން ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: