އާޓިފިޝަލް ބީޗުގައި ހުރި ދޫނި ކޮށްޓެއްގައި ދެ ފިރިހެނުން ބަންދުކޮށް، އެމީހުން ގަޔަށް ފެންޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ދައުރުވަމުން ދާ ވީޑިއޯއަކުން ފެންނަނީ ދެ ބަޔަކު ދެ ފިރިހެނުން އާޓިފިޝަލް ބީޗުގައި ހުރި ދޫނި ކޮށްޓަކަށްލުމަށްފަހު ތަޅުލައިގެން އުޅުނު މަންޒަރެވެ. އެ ވީޑިއޯއިން އެ ދެމީހުންގެ ގަޔަށް ފެން ޖަހާ މަންޒަރު ވެސް ފެނެއެވެ.
ހައްޔަރު ކޮށްފައި ތިބި ދެ މީހުން ދައްކާ އަޑު އެ ވީޑިއޯ އިން އިވޭއިރު ކޮންމެސް ކަމެއް ކުރުމަށް ކުޑަ ވަގުތު ކޮޅެއް ދިނުމަށް އެކަކު ދިޔައީ އެދެމުންނެވެ. އަދި ފައިސާ އަނބުރާ ދޭނެ ކަމަށް ބުނަމުން ދިޔައެވެ. ބެލެވޭ ގޮތުގައި އެކަން ހިނގާފައިވަނީ ފައިސާގެ މައްސަލައެއްގައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީހުން ބަންދުކޮށް، ރަހީނުކުރުމުގެ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވާއިރު ދާދި ފަހުން ވެސް ވަނީ މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފައެވެ.

