ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކުރި ޗެކްޕޯސްޓުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް އެތެރެ ކުރާ މަސްތުވާތަކެތި ހުއްޓުވުމަށް އިމިގްރޭޝަނަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި އެއާޕޯޓްގެ އިރުމަތީ ފަރާތުގައި ސެކިއުރިޓީ ޗެކް ޕޯސްޓެއް ވަނީ ހުޅުވާއެވެ.
އެމްއޭސީއެލްހެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް ޗެކް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވިދާޅުވީ ގާއިމު ކުރެވުނު ޗެކް ޕޯސްޓް ތަކަކީ ވަރަށް ޒަމާނީ ޗެކް ޕޯސްޓް ތަކެއް ކަމަށާއި އެއާޕޯޓްގެ ސަލާމަތާއި ކައްކާތެރިކަމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.
ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހިފެހެއްޓުމަށްޓަކައި މި ދެ ޗެކްޕޯސްޓުގެ ސަބަބުން ކަސްޓަމްސްއަށް ވަރަށް ބޮޑު ލުުޔެއް ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ ފަހުން އެއާ ސައިޑުން ނުކުންނަ އަދި ވަންނަ ފަރާތްތަށް ކަސްޓަމްސްއިން ވަރަށް ރަނގަޅަށް ބަލާ ފާސް ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
“ އެއާ ސައިޑަށް ވަންނަ ހުރިހާ ބައެއް ފަހަރު އޭވިއޭޝަން ސެކިއުރިޓީން ބައްލަވާނެ ވަރަކަށް ބައްލަވައި، ބެއްލެވޭނެ އާލާތްތަކާއި އެއްޗެހި ލާފައި ވަރަށް ޒަމާނީ ފެންވަރުގެ ޗެކްޕޯސްޓެއް މި ޤާއިމުކުރެވުނީ“
ޝަރީފް ވިދާޅުވީ އެއާ ސައިޑަށް ވަނުމަށް އެހާ ގިނަ ތަންތަން އިތުރު ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް އެއާ ސައިޑުގައި ކުރާ މަސައްކަތްތަކަށް ދަތި ނުވާ ވަރަށް ތަންތަން ހުންނަން ޖެހޭ ކަމަަށެވެ. އެމްޑީ ވިދާޅުވީ މި ޗެކް ޕޯސްޓްތައް ހުޅުވައިފައި ވަނީ ޒަމާނީ ވަސީލަތްތަކާއި އެކުގައި ކަމަށެވެ. އެއާ ސައިޑަށް ވަންނަ ކޮންމެ ސްޓާފަކު ޗެކް ކުރެވޭނެ ކަމަށާއި އަދި ވަންނަ ކޮންމެ ވެހިކަލެއް ވެސް ޗެކް ކުރެވިގެން ނޫނީ އެއާ ސައިޑަށް ނުވަދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ އެތެރޭގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި އިތުރު ސްކޭން މެޝިންތަކާއި އަދި ވަރަށް އަވަހަށް ބެގެޖް ހޭންޑަލް ކުރާ ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. މީގެ ސަބަބުން އޭވިއޭޝަން ސެކިއުރިޓީ ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ލަގެޖްތައް ރަނގަޅަށް ހަރުދަނާ ކަމާއި އެކު ބެލިގެންދާނެ ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

