ކުށްވެރިންނަށް ހައްގު އަދަބު ނުދެވެނީ ކުށްވެރިންނަށް ގާޒީންގެ އިތުރުން ފުލުހުން ގުޅިގެން ދޭ މައުލޫމާތު ހޯދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ތުހުމަތު ކުރައްވައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅުނު އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ ބަދަލަކީ ހަގީގަތުގައި ވެސް ވަރަށް މުހިއްމު ބަދަލެއް ކަމަށެވެ. މި ބަދަލުތައް ގެންނަން ޖެހޭ ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން މައްސަލަތަކުން ’ރެކުމަށް’ޓަކައި އެ ބަދަލުތައް ގެންނަން ފަސްޖެހުނު ކަމަށެވެ.
ސަލީމް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި މަސްތުވާތަކެއްޗާ އަދި މި ނޫނަސް ބޮޑެތި ވައްކަމުގެ މައްސަލަތަކުގައި އެއްގޮތަކަށް ވެސް އެއްވެސް ކަމެއް ސާބިތުވާތަން ނުފެންނަ ކަމަށެވެ. އަބަދުވެސް ކޮންމެވެސް ކަހަލަ ’ލޫޕްހޯލެއް‘ ބޭނުންކޮށްގެން ނުވަތަ ކޮންމެވެސް އެހެން ގޮތަކުން ނަމަވެސް އެ މައްސަލަ އޮއްބާލާ ކަމަށް މެންބަރު ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ގާޒީންގެ ވިސްނުން ވެސް ހުންނަނީ އޭގެ ބޭނުންހިފައިގެން އެ މީހާ ސަލާމަތް ކުރުމަށް ކަމަށެވެ. އަދި ކުށްކުރާ މީހުންނަށް އެ ކުށުގެ އަދަބު ލިބޭނެ ހަމަ އެއްވެސް ގޮތެއް އެއްވެސް ދިމާއަކުން ވިސްނާ ފިކުރުކޮށް ވެސް ނުފެނުނު ކަމަށް ވިދާޅުވިއެވެ.
މިހެން މިކަން ދާކަމުގަ ވާނަމަ މިގައުމުގަ މިކަން މިގޮތަށް ދިއުމުގެ ސަބަބުން މި ގައުމުގެ ހާލަތު މިއޮތީ ކުށްކުރާ މީހުންނަށް މިހާރު ހަމަ ގާތްގަނޑަކަށް ޔަގީންވޭ ތިމަންނަމެން މިކަމުގައި ނުބެދޭނެކަން. އަދި އެ މީހުން މިޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން އެ ނުބެދޭނެ ކަހަލަ ސިސްޓަމެއް ހަމަ ރާވައިގެން ރޭވުންތެރިކަމާއެކީގަ، އަޅުގަނޑު ހަމަ ދަންނަވާނީ ގާޒީންނާ ހަމަ ބައެއް ފުލުހުން ވެސް ގުޅިގެން، މައުލޫމާތު ހޯދައިގެންނޭ މިކަންކަން ކުރިއަށް ގެންދަނީ..
ސަލީމް ވިދާޅުވީ ކުށް ކުރިކަން އެނގޭއިރު ވެސް ކުޑަކުޑަ ކަމެއްގެ ތެރެއިން އެ މީހާ ސަލާމަތްވާ ގޮތަކަށް މައްސަލަތައް ދާދިއުން ގިނަ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުރީ މި ސަރުކާރުން ވީހާވެސް އިންސާފުވެރި ގޮތެއްގަ ކުށް ކުރާ މީހުންނަށް އަދަބު ލިބޭނެ ގޮތަކަށް ކަންތައްތައް ކުރުން ކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން ހުށަހަޅާފައިވާ ބިލުގައި ވެސް އެކަމަށް މަގުފަހިވާ ގޮތަށް ވަރަށް ގިނަ ކަންކަން އިސްލާހު ކޮށްފައިވާ ކަން ސަލީމް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދައިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ މި ބިލުގެ ބޭނުމަކީ ސައިބާސްޕޭސްގައި ކުރާ ކުށްތައް އިތުރުވަމުން ދާތީ އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ އަމަލުތައް ހިންގަމުންދާ ގޮތް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށް އިތުރަށް ފުޅާކުރަމުން ގެންދާތީ ކުށް ކުރުން ހުއްޓުވައި ފިޔަވަޅު އެޅުމެވެ.
ބިލުގައި ހުށަހަޅާފައި ވަނީ އިލެކްޓްރޯނިކް ހޯދުމާއި ގުޅޭގޮތުންނާއި، ކޮމްޕިއުޓަރ ސިސްޓަމެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވް ކުރުމާއި ޕްރިޒާވްކޮށްފައިވާ ޓްރެފިކް ޑޭޓާ އަވަސް ގޮތެއްގައި ހާމަކުރުމާއި ގުޅޭގޮތުންނެވެ. އަދި ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާއަށް އެކެސެސްވުމާއި ގުޅޭގޮތުންނާއި ޓެރްފިކް ޑޭޓާ ރިއަލް ޓައިމްގައި ނެގުމަށްޓަކައި އެހީތެރިކަން ބަދަލު ކުރުމަށް ވެސް ވަނީ ބިލުގައި ހިމަނާފައެވެ.

