މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހަނިމާދޫ އެއަރޕޯޓުގެ އޭޕްރަންއާއި ރަންވޭ ތަރައްގީކުރުމުގެ މަސައްކަތްތައް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއިން ބުނެފިއެވެ.
އިންޑިއާ އެގްޒިމް ބެންކުގެ 800 މިލިއަންގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ ހަނިމާދޫ އެއަރޕޯޓު ތަރައްގީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ބެއްލެވުމުގެ ގޮތުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރާއިއެކު ޒިޔާރަތްކުރައްވާފައެވެ.
މިނިސްޓްރީއިން ބުނެފައިވާގޮތުން މި މަސައްކަތްތައް ކުރިއަށް ގެންދަނީ އިންޑިއާގެ ކަލްޕަތުރު ޕްރޮޖެކްޓްސްއިންކަމަށްވާއިރު މަސައްކަތްތަކާއި ގުޅޭ އަދާއި ހަމަ މައުލޫމާތުތައްވެސް މީޑިއާތަކާއި ހިއްސާކޮށްފައިވެއެވެ.
އެގޮތުން އެއަރޕޯޓުގެ އޭޕްރަންއާއި 2400 މީޓަރު ރަންވޭގެ މަސައްކަތްތައް 97 އިންސައްތައިން ނިމިފައިވާކަމަށް މައުލޫމާތު ދީފައިވާއިރު މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަަލަށް މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި 10،500 އަކަމީޓަރުގެ ޕެސެންޖަރ ޓާމިނަލްގެ މަސައްކަތްތައް ހުރީ 51.4 އިންސައްތަ ނިމިފައިކަމަށް މައުލޫމާތު ދީފައިވާއިރު ސްޓްރަކްޗަރަލް މަސައްކަތްތަކާއި ފިނިޝިންގް މަސައްކަތްތައްވެސް އެކު އެކީ ކުރިއަށް ގެންދާކަމަށް މައުލޫމާތު ދީފައިވެއެވެ.
3500 އަކަަމީޓަރުގެ އައު ޓްރެފިކް ޓަވަރެއް ގާއިމުކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ. އަދި އެ މަސައްކަތްތައް މިހާރު ހުރީ 75 އިންސައްތަ ނިމިފައިކަމަށް ހިއްސާކުރިއިރު ސްޓްރަކްޗަރަލް މަސައްކަތްތައް އެކީ ނިމި މިހާރު ކުރިއަށްދަނީ ފިނިޝިންގް މަސައްކަތްތަކެއްކަމަށާއި ފިއުލްފާމް އަދި ފިއުލް ޖެޓީގެ މަސައްކަތްތައް ހުރީ 44.5 އިންސައްތަ ނިމިފައިކަމަށްވެސް މިނިސްޓްރީއިން ހާމަކުރިއެވެ.
މަސައްކަތްތައް ކުރުމަށް ބޭނުންވާ އެހެނިހެން ހިދުމަތްތަކަށް ބިނާކުރަމުންދާ އިމާރާތްތަކުގެ ބޮޑުބައި ނިމިފައިވާކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެއެވެ. އަދި ގިނަ ތަންތަން ނޮވެމްބަރު މަހަށް ނިންމާލެވޭނެކަމަށް ބެލެވޭކަމަށާއި އެއަރޕޯޓަށް ބޭނުންވާ މަގުތައް ހެދުމުގެ 50 އިންސައްތަ ނިމިފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.
މި މަޝްރޫޢުގެ ދަށުން އެމްއެންޑީއެފްގެ މަރުކަޒެއްވެސް އިމާރާތްކުރުމަށް ކަނޑައެޅިފައިވާއިރު އެ މަސައްކަތްތަކުގެ 54 އިންސައްތަ ނިމިފައިވާކަމަށާއި ޖުމުލަކޮށް ހުރިހާ މަސައްކަތްތަކެއް ނިމޭނެކަމަށް ލަފާކުރެވެނީ 2025ގެ މާޗު މަހަށް ކަމަށް އަންދާޒާކޮށްފައިވެއެވެ.

