މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމުގައި ހުންނެވި އަހްމަދު މުނައްވަރު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
އެ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި ޢަލީ ހާޝިމް އެ މަޤާމުން ރައީސް ޑރ. މުޢިއްޒު ވަކިކުރައްވާފައިވަނީ އިއްޔެއެވެ.
ހާޝިމް މަގާމުން ވަކިކުރައްވާފައިވަނީ ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީއެވެ.
ގަވަނަރުގެ މަގާމަށް އަލީ ހާޝިމް ގާބިލު ނޫންކަމަށް ނިންމައި އޭނާ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ހޯމަ ދުވަހުގައެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ވަނީ ތަޅުމަށް ހުށަހަޅާ ބަހުސް ކޮށްފައެވެ. ކޮމިޓީން ވެސް ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ ހާޝިމް އެ މަގާމުން ވަކިކުރުމަށެވެ. އެގޮތުން އެ ރިޕޯޓު ހޯމަ ދުވަހު މަޖިލީހުން ފާސްކުރީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން 63 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމާ ދެކޮޅަށް ނުވަ މެންބަރަކު ވޯޓުދެއްވިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައީސް މިއަދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު މުނައްވަރަކީ، މީގެ ކުރީން މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމު ވެސް ފުރުއްވަވާފައި ބޭފުޅެކެވެ.

